Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

8 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ފަސް މީހަކު ހައްޔަރަށް

އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި މުކުރިމަގު ، ފޭރުގަސްދޮށުގެ ، ލ.ގަން / އަޙްމަދު އަފްރާޙް (33އ) އާއި ކ.މާލެ / ހ.ކަހަފަތި ، އިލްޔާސް އަޙްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި ، ޙަސަން ޝަމްޢޫން (36އ) އެވެ.

މި ފަސް މީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ 9 ވަނަ ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.