Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ހަމަޖެހުމާއި ސުލްޙައަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ

ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ކުންމިންގ ގައި ކުރިޔަށްދާ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިރުތިޝާމް ވިދާޅުވީ ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމު ކަމަށާއި އަދި މި ކަމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމު ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ރާއްޖޭއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށާއި ވަކިން ޚާއްޞަކޮށް ރާއްޖެ އާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އިރުތިޝާމް ދެއްވި އެވެ.

އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

މިނިސްޓަރު އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފަ އެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް މިނިސްޓަރު ޒިޔާރަތް ކުރެއްވި އެވެ.