އިިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މީސްލްސް ރުބެއްލާ ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެމްއާރް ވެކްސިން އަދި ފާ މެޑިކަލް ކޮންސިއުމަބަލްސް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަދިޔާ ކުރެވުނު ތަކެތީގެ ތެރޭގައި ހިމެނޭ އެމްއާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗަކީ މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ގީލާ ވަނީ އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޝުކުރު ދަންނަވާފަ އެވެ. ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް ގީލާ ޝުކުރު އަދާކުރެއްވި އެވެ.