Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

ސުޕަ ކަޕް މެޗުގެ ރެފްރީއަކަށް ސޯމާލިއާގެ އާޓަން

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔޫއެފާ ސުޕަ ކަޕްގެ ރެފްރީއަކަށް ސޯމާލިއާގެ އޮމަރް އާޓަން ހަމަޖައްސައިފި އެވެ.

ޔޫއެފާ ސުޕަ ކަޕަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާއި ޔޫރޮޕާ ލީގު ހޯދި ޓީމުގެ މެދުގައި ކުޅޭ މެޗެކެވެ. އެގޮތުން މި މެޗުގައި ވާދަކުރަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ އެސްޓަންވިލާ އެވެ.

އެ މެޗު ކުޅޭނީ އަންނަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އެވެ.

ޔޫއެފާ ސުޕަ ކަޕްގެ ރެފްރީއަކަށް އާޓަން ހަމަޖެއްސިއިރު، މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ވެސް އޭނާ ހަމަޖެއްސި އެވެ. ނަމަވެސް އާޓަން އަށް އެމެރިކާއަށް އެތެރެވާން ފުރުސަތު ނުދިނުމުން އެ ފުރުސަތު އޭނާއަށް މިހާރު ވަނީ ގެއްލިފަ އެވެ.

އެކަމާ ގުޅިގެން އެމެރިކާ އާއި ފީފާ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފަ އެވެ.

އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީއޭއެފް) އިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ފިރިހެން ރެފްރީގެ މަގާމު ހޯދި އާޓާން އަކީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ހަމަޖެއްސި ސޯމާލިއާގެ ފުރަތަމަ ރެފްރީ އެވެ. އޭނާ އަކީ 2018 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެކެވެ.