ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ޒިޔާރަތުގައި، ނައިބު ރައީސް އާއި، ޖަޕާނުގެ ސަފީރު ވަނީ، ރާއްޖެ އާއި ޖަޕާނާއި ދެމެދުގައިވާ ޒަމާންވީ، ބަދަހި ގުޅުން މުސްތަގުބަލުގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުން، އަންނަ އަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް، ވަނީ މަޝްވަރާކޮށްފައެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް، ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ނައިބު ރައީސް ވަނީ މީހުން ބިނާކުރުމަށާއި، އުމުރާނީ ގޮތުން ތަރައްގީ ކުރުމަށާއި، ތައުލީމާއި، ކުޅިވަރު ކުރިއެރުވުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށާއި، ކާރިސާ މެނޭޖްކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ތަރައްގީ ކުރުމުގެ ދާއިރާއަށް އެ ގައުމުން ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވައިފައެވެ.
މީގެ އިތުރުން ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގުޅުމަށް މަރުޙަބާ ވިދާޅުވެ، ފަތުރުވެރިކަމާ، އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް، އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.