މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ އާންމުންނަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާތީ، މާދަމާ ހެނދުނުން ފެށިގެން އާންމުނަށް ހުޅުވާލާނެ ކަމަށެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވަނީ ބައްލަވާލައްވާފަ އެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ.
މި މަޝްރޫއުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަހައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.