Last Updated: June 12, 06:18
Friday, June 12, 2026
ކުޅިވަރު

ތިން ރަތް ކާޑު ފެނުނު މެޗުން މެކްސިކޯއަށް މޮޅެއް

ދެކުނު އެފްރިކާ 2-0 އިން ބަލިކޮށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ، މެކްސިކޯ އިން މޮޅަކުން މުބާރާތް ފަށައިފި އެވެ.

މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި، 80،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުރިއަށްދިޔަ ފޯރިގަދަ ހުޅުވުމުގެ ރަސްމިއްޔާތަކަށް ފަހު، ފެށި މެޗުގެ 9 ވަނަ މިނެޓްގައި ޖޫލިއަން ކުއިނޯނޭސް ވަނީ މެކްސިކޯއަށް ލީޑު ނަގައިދީފަ އެވެ. މިއީ ދެކުނު އެފްރިކާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު މިނިޓް ތެރޭ ދެކުނު އެފްރިކާ ޑިފެންޑަރު، ސްޕެޕޭލޯ ސިޓޯލް، މެކްސިކޯގެ ބްރިއަން ގުޓިއޭރޭޒަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑާއެކު އެޓީމަށް އިތުރު މައްސަލަތަކަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އޭގެ ފައިދާ ނަގައި މެޗުގެ 66 ވަނަ މިނެޓްގައި ރައުލް ހިމެނޭޒް ވަނީ މެކްސިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މިއީ، ރޮބާޓޯ އަލްވާޑޯ ނެގި ހުރަހަކަަށް އަރައި ހިމެނޭޒް ބޮލުން ޖެހި ގޯލެކެވެ. މިއީ، ހިމެނޭޒް ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 84 ވަނަ މިނެޓްގައި ދެކުނު އެފްރިކާގެ ތެމްބާ ޒްވާނޭ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 9 ކުޅުންތެރިންނާއެކު އެވެ. އޭނާއަށް ރަތްކާޑު ދެއްކީ ބޯޅަ ނެތިސް މެކްސިކޯ އަލްވަރާޑޯ އަށް ހަމަލާ ދިނުމުންނެވެ.

އަނެއްކޮޅުން، މެކްސިކޯ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރޭގައި މެކްސިކޯގެ ސެޒާ މޮންޓޭސް އަށް ރަތެއް ދެއްކީ، ދެކުނު އެފްރިކާގެ މަޑާއު އަށް ފައުލުކުރުމުންނެވެ.

މުބާރާތުގައި މެކްސިކޯ ދެން ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ. ދެކުނު އެފްރިކާ ނިކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ.