ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު މީޑީއާނެޓްގެ ޓީވީ އެޕް މެދުވެރިކޮށް ބައެއް ފަރާތްތަކަށް ނުފެނުނު މައްސަލައިގައި އެ ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށްގެން 250ރ. ޕެކޭޖެއް މީޑިއާނެޓުން ތައާރަފް ކުރިއިރު، މެޗު ފެށުމުގެ ކުރިން އެ ޕެކޭޖަށް ގިނަ އަދަދެއްގެ ބަޔަކު ފައިސާ ވެސް ދައްކާފައިވެ އެވެ. ނަމަވެސް މެޗު ފެށުމުގެ ގަޑި ޖެހުނުއިރު ވެސް އެތައް ބަޔަކަށް މީޑިއާނެޓްގެ ޓީވީ އެޕަށް ނުވަދެވޭ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ދިޔައީ ކުރަމުންނެވެ.
Cant even Login to Medianet TV app. Already paid for the service. Customer service unavailable. Cant even get my money back. @Medianetmv Tell me how to fix this
— Maahil Ahmed Maumoon (@ekkala_chicky) June 11, 2026
ބައެއް ފަރާތްތަކުން ބުނިގޮތުގައި އެޕަށް ނުވެދެވޭތީ އެކަމުގެ ޝަކުވާ ހުށަހަޅަން މީޑިއާނެޓުގެ ކަސްޓަމާ ސާވިސް އަށް ގުޅުމުން ފޯނަށް ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އަދި ވައިބާ މެދުވެރިކޮށް ފޮނުވި މެސެޖުތަކަށް ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
Did you by any chance scammed me? I cant seems to watch even after paying twice
— Sappe_08- Hirihamaidhi Kilege™️ (@schafraz08) June 11, 2026
މިއީ މީޑީއާނެޓުން ހިންގި ބޮޑު "ސްކޭމެއްގެ" ގޮތުގައި ބައެއް ފަރާތްތަކުން މިކަން ސިފަކުރާއިރު، ޕެކޭޖަށް ދެއްކި ފައިސާ އަނބުރާ ދިނުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑީއާގައި ގޮވާލަމުންނެވެ. އަދި މިކަމަށް މީޑިއާނެޓް ޖަވާބުދާރީވާންޖެހޭ ކަމަށާއި މިވަރުގެ ކަމަކަށް މީޑިއާނެޓް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމުގެ ޝަކުވާ ވެސް ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ކުރަމުންނެވެ.
ވޯލްޑް ކަޕްގެ މެޗުތައް ރާއްޖެއިން ބެލޭ "ހިލޭ ޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރެއް ވެސް ނެރެފަ އެވެ. ހިލޭޓީވީ ވެބްސައިޓް ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މީޑިއާ ނެޓުންނެވެ.