ކާމިޔާބު މީހަކަށްވާށެވެ.
މުއްސަނދި މީހަކަށްވާށެވެ.
ރީތި މީހަކަށްވާށެވެ.
އަޑުގަދަ މީހަކަށްވާށެވެ.
އިތުރަށް ކުރިއަރާށެވެ.
ނަމަވެސް، މީގެ ސާދަ ގަރުނު ކުރިން، ނަބިއްޔާ ﷺ ދެއްވި ނަޞޭޙަތްތަކުން މިއަދުވެސް ހިތްތަކަށް ޝިފާ ލިބެއެވެ.
ނަމާދު ގާއިމުކުރާށެވެ.
އަމާނާތްތައް އަދާކުރާށެވެ. ކޮންމެ ތަނެއްގައި ހުއްޓަސް ﷲ އަށް ތަޤުވާވެރިވާށެވެ.
ނިޔަތް ޙާލިޞްކުރާށެވެ.
އަންހެނުންނަށް ހެޔޮކޮށް ހިތާށެވެ.
ނުބައިކަމަކާ ވިއްދައި ހެޔޮ ކަމެއް ކުރާށެވެ.
ހެޔޮ ބަސް ބުނާށެވެ.
ގިނަގިނައިން ﷲ ގެ ހަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ.
ﷲ އާ މެދު ހެޔޮކޮށް ހީކުރާށެވެ.
މިއީ ވަރަށް ސާދާ ނަޞޭޙަތްތަކެކެވެ. ނަމަވެސް، އިޚްލާޞްތެރިކަމާ އެކު އެ ބަސްތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ކަންކަން ބަހައްޓައިފި ނަމަ، މުޅި ދިރިއުޅުން ބަދަލުވެގެން ދާނެ އެވެ.
ހިތާމައަކީ ތެދުމަގު ފޮރުވިފައި އޮތްކަމެއް ނޫނެވެ. ނަމަވެސް ހިތާމަ އަކީ ތެދުމަގު ފެންނަން އޮތް އިރު ވެސް، އެއަށް ފުރަގަސް ދޭކަމެވެ. ޤުރްއާނާއި ސުންނަތުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ފަރުވާ ލިބެން އޮއްވައި، ދިރިއުޅުމުގެ މަޤުސަދާއި ހިތްހަމަޖެހުން ހޯދަން އެހެން ދިމާދިމާލަށް ދާކަމެވެ.
ﷲ تعالى ވަހީކުރައްވާފައިވެއެވެ؛ «لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ»
"ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ."
(سورة الأحزاب: 21)
އެއީ ދިރިއުޅުމުގެ އެންމެ ބަޔަކަށް އޮތް ނަމޫނާއެއް ނޫނެވެ.
އެއީ މުޅި ދިރިއުޅުމަށް އޮތް ނަމޫނާއެކެވެ.
އުފާވެރި ވަގުތުތަކުގަ އެވެ.
ހިތާމައިގެ ވަގުތުތަކުގަ އެވެ.
މުއްސަނދިކަމުގަ އެވެ.
ދަތިހާލުގަ އެވެ.
ލީޑުކުރާ ހިނދުގައެވެ.
ލޯބިވުމުގައެވެ.
އަޅުކަން ކުރުމުގަ އެވެ.
މީހަކު ސުންނަތާ ގާތްވި ވަރަކަށް، އޭނާއަށް އޮޅުން އަރާފައިވާ ކިތަންމެ ކަމެއް ފިލައިދެ އެވެ. ސަބަބަކީ، ނަބިއްޔާ ﷺ އަޅުގަނޑުމެނަށް އުނގަންނައި ދެއްވީ ހަމައެކަނި އަޅުކަން ކުރާނެ ގޮތް އެކަންޏެއް ނޫނެވެ.
އެހެނެއް ކަމަކު، އެކަލޭގެފާނު ވަނީ އަޅުގަނޑުމެންަށް ދިރިއުޅޭނެ ގޮތްވެސް ދަސްކޮށް ދެއްވާފައެވެ.
އަދި އެންމެ ބޮޑު ކާމިޔާބީއަކީ މަޝްހޫރުވުމެއް، މުއްސަނދިވުމެއް، ނުވަތަ މީހުންގެ ތައުރީފުލިބުމެއް ނޫނެވެ.
ނަމަވެސް، އެންމެ ބޮޑު ކާމިޔާބީއަކީ، ﷲ تعالى އާ ބައްދަލުވާ ހިނދު މިފަދައިން އިވުމެވެ:
"ތިބާ ތަބާވީ ތިމަންއިލާހުގެ ލޮބުވެތި ރަސޫލާ ﷺ އަށެވެ."
ﷲ تعالى އަޅަމެންނީ ޤުރްއާނާއި ސުންނަތުގެ އަހުލުވެރިން ކަމުގައި ލައްވާށިއެވެ.
އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަ ށްވުރެ ބޮޑަށް، ނަބިއްޔާ ﷺ ދެކެ ލޯބިވުމުގެ ތައުފީގު ﷲ تعالى އަޅުގަނޑުމެނަށް ދެއްވާށިއެވެ.
އަދި ޖަންނަތުލް ފިރުދައުސް ގައި، އެކަލޭގެފާނުގެ އަރިހުގައި އަޅަމެން ޖަމާކޮށް ދެއްވާށިއެވެ. އާމީން.
ނޯޓް: މިއީ ޝައިހް މުހައްމަދު ގާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.