މިއަދު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުވުމުގެ އިންތިހާބު ފަށާ ގަޑި ފަސްކޮށްފި އެވެ.
ކުރިން މި އިންތިހާބު ފަށަން އޮތީ މެންދުރު ފަހު 2:00 ގަ އެވެ. އަދި ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި އޮތީ ރޭގަނޑު 8:00 އަށެވެ. ނަމަވެސް މިހާރު ވަނީ ވޯޓްލާ ފަށާ ގަޑި 2:30 އަށް ފަސްކޮށް، ވޯޓްލުން ރޭގަނޑު 8:30 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ޗެއާޕާސަން އިންތިޚާބަށް ޖުމްލަ 241 ވޯޓްފޮށި ބަހައްޓަ އެވެ. އެއީ ސްރީ ލަންކާގައި ބަހައްޓާ ފޮއްޓަކާ އެކީގަ އެވެ.
އެމްޑީޕީން ބުނީ މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓްފޮށިތައް ހުންނާނީ ސްކޫލްތަކުގައި ކަމަށެވެ. އެގޮތުން މާލޭގެ 10 ސްކޫލެއްގައި ވޯޓްފޮށި ހުންނާނެ އެވެ.
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި މި ވަގުތު ތިބީ 43,784 މެންބަރުން އެބަތިއްބެވެ. ނަމަވެސް މިއަދު ބާއްވާ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ އަދަދަކީ 48،912 އެވެ.
މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައިވާ މި އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަރަށް ޒުވާން ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ ކުރިމަތިލުމެކެވެ. އެ ދެ ބޭފުޅުން ވެސް މި ވަނީ އިންތިހާބު ވަރަށް ފޯރިއާ އެކު މުޅި ރާއްޖޭގައި ކެމްޕޭން ކުރައްވައިފަ އެވެ.