Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ރީނދޫ ލަޝްކަރު ނުކުމެއްޖެ، މި ސަރުކާރު ބަދަލުކުރާނަން

ޖޫން 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތައް ނިންމާލުމުގެ ގޮތުން ޖޫން 11 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ/ ހުސައިން ޝާފިއު

އެމްޑީޕީގެ ރީނދޫ ލަޝްކަރު އަލުން އަނބުރާ ނުކުމެފައިވާ ކަމަށާއި މި ސަރުކާރު ބަދަލުކުރާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ނިންމާލުމަށް ރޭ ބޭއްވި ފޯރިގަދަ ޕެރޭޑު ނިންމާލުމަށް ފަހު ވާހަކަ ދައްކަވަމުން ނަޝީދު ތަކުރާރުކޮށް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރު ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"މުއިއްޒުއަށް އެނގިވަޑައިގަންނަވާ އަޅުގަނޑުމެން މި އަންނަނީ މި ސަރުކާރު ބަދަލުކުރާނަން، އަޅުގަނޑުމެން އޭނާ ބަލިކުރާނަން. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އޭނާ ވައްޓާލާނަން،" ނަޝީދު ވިދާޅުވި އެވެ.

މިއަދު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

މި އިންތިހާބުގައި 50،176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު 14:30 އިން ރޭގަނޑު 20:30 އާއި ހަމައަށެވެ.