Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އިތުރު 137 ސިފައިން ދަސްވެނިވިއްޖެ

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފި އެވެ.

އިއްޔެ ހަވީރު އެމްއެންޑީއެފް އައްޑޫގެ ގަމުގައި ސަދަން އޭރިއާ ކޮމާންޑްގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ. އޭނަ ވަނީ ލަޝްކަރު ބަލައި ފާސްކޮށް ދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވައިފަ އެވެ.

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައި ވަނީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަ މޮޓަ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައި ވަނީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާން އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަ އިސްމާޢީލް ދީދީ އެވޯޑް" ޕްރައިވެޓް އަނޫސް މުޙައްމަދު ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރު އެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވުނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ސިއެރާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ފާތިމަތު ސަރާ އާދަމް ހޮވުނު އިރު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، އަލްފާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙުމާން އެވެ. އަދި، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް މާއިޒް މުޙައްމަދު ޒުހައިރު އެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޗާލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އުލްވާން އަތޫފް އަރީބް އެވެ.

ކޯހުން 137 ދަރިވަރުން ދަސްވެނިވެފައިވެ އެވެ.

މި ކޯހަކީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން މި އަހަރުގެ މާޗް 7 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ.

ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.