Last Updated: June 12, 22:51
Friday, June 12, 2026
ދުނިޔެ

ހަނގުރާމައިގައި އެމެރިކާ އަށް ނުރައްކާތެރި ޙާލަތެއް

ބާރަށް މަސްތުވެފައިވާ އެމެރިކާއިން ދަމަހައްޓަމުން އައި، ސުޕަޕަވަރުގެ ބޮޑާކަމާއި، ކިބުރުވެރިކަން އީރާނުން މިވަނީ ފުނޑުފުނޑުކޮށްލާފަ އެވެ.

މެދުއިރުމަތީގެ ހޫނުގަދަ ހަނގުރާމައިގެ މައިދާނުން، މިޒަމާނުގައި ބަޔަކަށް ފެންނާނެ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ޙަޤީޤަތް މިވަނީ ފެންމަތިވެފައެވެ. ބާރުގެ މަސްތުގައި ލޯމަރާލައިގެން އެމެރިކާއިން ފެށި މި ހަނގުރާމައިގައި، އެމެރިކާ މިހާރު އޮތީ ނުރައްކާތެރި، ދަތި އުނދަގޫ ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައެވެ. އެ ވަޅުގަނޑުން އަރައިގަނެވޭނެ ގޮތެއް އަދި އެމެރިކާއަކަށް ނުފެނެއެވެ. ދުނިޔޭގައި މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިޤުތިސާދީ ކާރިސާގެ ތެރޭގައި 48 އަހަރު ވަންދެން އޮތް އީރާނު މިވަނީ އެކަތައިގެ ބާރެއްގެ ގޮތުގައި ނުކުމެ، ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ފުނޑުފުނޑުކޮށްލާފައެވެ.

މި ހަނގުރާމައިގައި އީރާނަށް އިތުރަށް ގެއްލޭނޭ އެއްވެސް އެއްޗެއް ނެތް ނަމަވެސް އެމެރިކާއަށް މިވަނީ ހުރިހާ ކަމެއް ވެސް ދަތިވެފައެވެ. ހަތަރުއުދަރެސް ފެނުޖެހިފައެވެ. އީރާނާ އެކު އެއްބަސްވުމެއް ހަދަން އުޅޭކަން، މިހާތަނަށް ސާޅީސް ފަހަރު އެމެރިކާގެ ރައީސް ޓުރަމްޕް ވަނީ އިޢުލާން ކޮށްފައެވެ. އެކަމަކު، ކޮންމެ ފަހަރަކުވެސް އަލުން އަނެއްކާވެސް ހަނގުރާމަ ފަށައެވެ. އެމެރިކާ ވަނީ މީގެ ކުރިންވެސް މަޝްވަރާގެ މޭޒުމަތިން ފިލައި ރައްކާވެފައެވެ. މިފަހަރު ވެސް ދިމާވެގެން މިއުޅެނީ ހަމަ އެފަދަ ގޮތެކެވެ. މިހާރު އަނެއްކާވެސް އީރާނަށް ބޮން އެޅުމަށްފަހު، ވޮޝިންޓަނުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނަށް ޕްރެޝަރު ކުރަން ފެށިއެވެ. ނަމަވެސް މިހާރު މިވަނީ އެއް ކަމެއް ޔަގީންވެފައެވެ. އެއީ، އެ ސަރަހައްދުގެ ޙާލަތު އެއްވެސް ޔަގީން ކަމެއް ނެތި ދެމިއޮތުމާއި އަދި، އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެމެރިކާގެ ވަޢުދުތަކާ މެދު އިތުރަށް ބަރޯސާ ނުކުރެވުމެވެ.
އެމެރިކާގެ އިޤްތިޞާދާއި، ޕެންޓަގަންގެ ތަދުބީރުތަކަށް ގުޑުން އަރުވާލި، މި ހަނގުރާމައިގެ ނުރައްކާތެރި ތަފާސް ހިސާބުތަކަށް ބަލާލަމާ ހިނގާށެވެ.

އެމެރިކާގެ 'ސްޓެލްތު ޓެކްނޮލޮޖީ' ގެ ޖަނާޒާއާއި، ލިބުނު ގެއްލުންތަކުގެ ހިސާބުތަކަށް ރިޢާޔަތްކުރާއިރު، ހަނގުރާމަ ފެށުނު ފަހުން،
އެމެރިކާގެ ތާރީޚުގައި މީގެ ކުރިން ލިބިފައި ނުވާ ފަދަ ބޮޑެތި ގެއްލުންތަކެއް އެ ސަރަޙައްދުން ވަނީ ލިބިފައެވެ.
ހަލާކުވެފައިވާ ފަޔަރ ޖެޓްތަކާއި ޑްރޯންތަކަށް ބަލާއިރު، އީރާނުގެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމާއި، އެންޓި އެއާރކްރާފްޓް މިސައިލްތަކުން ވަނީ އެމެރިކާގެ އެންމެ ޒަމާނީ 42 އަށް ވުރެ ގިނަ ފައިޓަރ ޖެޓްތަކާއި، އެންމެ އަގުބޮޑު ޖާސޫސީ އަދި ހަނގުރާމައިގެ ޑްރޯންތައް ވައްޓާލާފައެވެ. ރާޑަރަށްވެސް ނާރާނެ ކަމަށް، އެމެރިކާއިން ބުނާ ސްޓެލްތު ފަންނިއްޔާތުގެ ޖަނާޒާ، އީރާނުން އެދަނީ ބާއްވަމުންނެވެ.

އެމެރިކާގެ ހަތިޔާރުގެ ކޮށާރު މިވަނީ ގާތްގަޑަކަށް ހުސްވެފައެވެ. ހަނގުރާމައިގެ ބާރުގަދަކަން މިހާތަނަށް ލިބިފައިވާ ވާޤިޢާތަކުން ވަޒަންކުރެވެއެވެ. އެގޮތުން، ޕެންޓަގަންގެ ސްމާޓް ބޮމާއި، ގައިޑެޑް މިސައިލްތައް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. އަދި، އެމެރިކާގެ ހަތިޔާރު އުފައްދާ ކާރުޚާނާތަކަށް، ޕެންޓަގަނުން ކުރާ ޕްރެޝަރު ވަނީ އިތުރުވެފައެވެ.

މެދުއިރުމަތީގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް އީރާނުން ވަނީ ހަލާކުކޮށްލާފައެވެ. އީރާނާއި އެ ޤައުމުގެ ބައިވެރިން ވަނީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ 20 އަށް ވުރެ ގިނަ އަސްކަރީ މަރުކަޒު ބިމާއި ހަމަކޮށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން އެމެރިކާއަށް ދީފައެވެ.

އެ ސަރަހައްދުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ނެޓްވޯކްތައް ހުރީ ކޮންކޮން ތަނެއްގައި ހެއްޔެވެ؟ އެމެރިކާގެ ބޮޑެތި އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އެމެރިކާއިން ބޭނުންވީ އީރާން ވަށާލުމަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި 50،000 އަށް ވުރެ ގިނަ ސިފައިން އެބަތިއްބެވެ.

ޤަޠަރުގެ އަލް ޢުދެއިދު ވައިގެ ސިފައިންގެ މަރުކަޒަކީ މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އެންމެ ބޮޑު ވައިގެ ސިފައިންގެ މަރުކަޒެވެ.
ބަހުރެއިންގައި ޤާއިމުކޮށްފައިވާ ކަނޑުގެ ސިފައިންގެ މަރުކަޒަކީ އެމެރިކާގެ ފަސްވަނަ ފްލީޓް މައި މަރުކަޒެވެ. އެމެރިކާއިން އުޅުނީ، ކަނޑުގެ ސިފައިންގެ އެ މަރުކަޒު ބޭނުންކޮށްގެން ކަނޑު މަގުން އީރާނު ޙިޞާރު ކުރުމަށެވެ.

ކުވައިތުގެ ޢަރީފްޖާން އަސްކަރީ މަރުކަޒަކީ، އެމެރިކާ އަސްކަރިއްޔާގެ އެތައް ހާސް ސިފައިންނާއި، ހަނގުރާމައިގައި ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ބަހައްޓާފައިވާ ބާރުގަދަ މަރުކަޒެކެވެ.

ޢަރަބި ޢިމާރާތުގެ އައްޡިފުރާ ވައިގެ މަރުކަޒަކީ، އެމެރިކާގެ ފައިޓަރ ޖެޓްތަކުގެ މަރުކަޒެކެވެ. އެ މަރުކަޒުން، އެއް ތަނުން އަނެއް ތަނަށް ފައިޓަރ ޖެޓުތައް ފޮނުވައިލެވެއެވެ.

ޢިރާޤާއި ސީރިއާގައި ޤާއިމުކޮށްފައިވާ، ކޭމްޕް ވިކްޓަރީއާއި، އައިން އަލް އަސަދު، އަދި އައް ތަންފު ފަދަ މަރުކަޒުތަކަކީ، މެދުނުކެނޑި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ އަމާޒުތަކަށް ވެފައިވާ ތަންތަނެވެ.

އިޤުތިޞާދީ ގެއްލުންތަކުގެ ސަބަބުން އެމެރިކާއަށާއި، ދުނިޔެއަށް ލިބެމުން މިދަނީ ކިހާ ވަރެއްގެ ގެއްލުންތަކެއް ހެއްޔެވެ؟
ފާއިތުވި 100 ވަރަކަށް ދުވަހުގެ ތެރޭގައި އީރާނަށް ބޮން އަޅައިގެން އެމެރިކާއަށް ހާސިލުވީ އެއްވެސް ކަމެއް ނެތެވެ. ދެން އިތުރަށް ބޮން އަޅައިގެން ޙާޞިލުކުރެވޭނޭ ވަކި އިތުރު ކަމެއް އެބަ އޮތް ހެއްޔެވެ؟ އެކަމަކު، އެ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދު ޔަޤީނުންވެސް ހަލާކުވާނެއެވެ.

އެމެރިކާގެ ޙިއްޞާގެ ބާޒާރު މިވަނީ ދުވަހަކު ނުވެއްޓޭހާ މިންވަރަށް ދަށަށް ވެއްޓިފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައީސް ޓްރަމްޕް އަލުން ހަނގުރާމަ އިޢުލާން ކުރުމާއެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި ހިމެނޭ އެސް އެންޑް ޕީ 500 ގެ ކުންފުނިތަކުގެ ޙިއްޞާއިން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ތެލުގެ އަގު މިވަނީ ހިފެހެއްޓުމެއް ނެތި މަތިވެފައެވެ. ހުރުމޫޒް ކަނޑުއޮޅިގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މިވަނީ އިންތިހާއަށް މަތި ވެފައެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގައި މިވަނީ ލާދައިގެ އާ ޠޫފާނެއް އުފެދިފައެވެ.
މި ހަނގުރާމަ ފެށުނު ފަހުން، މެރިން އިންޝުއަރެންސްގެ އަގުތައް މިވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. ފާރިސީ ޚަލީޖުން ދަތުރުކުރާ އާގުބޯޓުފަހަރުގެ އިންޝުއަރެންސް ޚަރަދުތައް 400 އިންސައްތަ މަތިވެ، ދުނިޔޭގެ ވިޔަފާރި މިވަނީ ދުވަހަކު ނުވެއްޓޭހާ މިންވަރަށް ދަށަށް ވެއްޓިފައެވެ.

މި ހަނގުރާމައިގައި، މަރުވި މީހުންނާއި، އަދި އަނިޔާވި މީހުންނަށް ބަލާއިރު، މިހާތަނަށް ހިނގި ހަމަނުޖެހުންތަކާއި، އަސްކަރީ މަރުކަޒުތަކަށް ދެވުނު މިސައިލް ހަމަލާތަކާއި، ހެލިކޮޕްޓަރުތަކާއި، މަތިންދާބޯޓުތައް ވެއްޓުމުގައި ދެފަރާތުގެ އެތައް ސަތޭކަ ސިފައިންނާއި، އެހެން އެތައް ބަޔަކު މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. އަދި ދެފަރާތުން އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާއިރު، ކަނޑުގެ ސަރަޙައްދުގައި އާންމު މަސްވެރިންވެސް މި ހަނގުރާމައިގެ ޝިކާރައަކަށްވެފައިވެއެވެ.

އެމެރިކާއިން މިފަހަރު މި ވަދެވުނީ ކޮޅުބެދިފައިވާ ނުރައްކާތެރި އަދި އެހާމެ އަނދިރި ގޯޅިގަނޑަކަށެވެ. ކުރިއަށް ދެވޭކަށް ނެތެވެ. އަދި ފަހަތަށް އެނބުރި ދެވޭކަށްވެސް ނެތެވެ. އެމެރިކާގެ ބާރުގެ ބޮޑާކަން ފުނޑުފުނޑުވެގެން ދިއުމަށްފަހު، ދުނިޔެ މިހާރު ބަލަމުންދަނީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށްވެފައިވާ އީރާން ބަލިނުކުރެވޭފަދަ ބާރަކަށް ވެފައިވަނީ ކިހިނެއްތޯއެވެ.

ސުވާލަކީ، އެމެރިކާއަށް ދުވަހަކު ވެސް މި ވަޅުގަނޑުން ރައްކާތެރިކަމާއެކު އަރައިގަނެވޭނެ ހެއްޔެވެ؟ ނުވަތަ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސަރުކާރު ވެއްޓޭނީ ހެއްޔެވެ؟

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.