ފީފާ ވޯލްޑް ކަޕްގައި އެމެރިކާ ފެންނަން ބޭނުންވަނީ ވަރުގަދަ ބާރެއްގެ ގޮތުގައި ކަމަށް އެޓީމުގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ބުނެފި އެވެ.
ވޯލްޑް ކަޕްގައި އެމެރިކާއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު ޕެރަގުއޭއާ ދެކޮޅަށް ކުޅޭއިރު، ޕުލިސިޗް ބުނީ މި މުބާރާތުގައި ބޭނުންވަނީ އެމެރިކާ ވަރުގަދަ ބާރެއްގެ ގޮތުގައި ފެންނަން ކަމަށާއި ޓީމުގެ އަސްލު ފެންވަރު އެންމެންނަށް ދައްކާލުމަށް ކުރިއަށް އޮތް ތިން މެޗަކީ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރަންޖެހޭ ޕެރަގުއޭއަކީ ވަރުގަދަ ޓީމެއް ކަމަށާއި މިއީ އެމެރިކާއަށް އޮތް ރަނގަޅު އިމްތިހާނެއް ކަމަށް ޕުލިސިޗް ބުންޏެވެ.
"އަހަރުމެންގެ ކިބައިގައި ހުރި ގާބިލުކަން ވަރަށް ރަނގަޅަށް އެނގޭ. މިހާރު މިއޮތީ އެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭންވީ ވަގުތު." އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޕުލިސިޗް ބުންޏެވެ.
މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޕެރަގުއޭއަކީ ހަމައެކަނި ފިޒިކަލް ފުޓްބޯޅައެއް ކުޅޭ ޓީމެއްގެ އިތުރަށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ވެސް ތިބި ޓީމެއް ކަމަށެވެ. ވޯލްޑް ކަޕްގެ ކޮލިފައިންގައި އާޖެންޓީނާ އަދި ބްރެޒިލް ފަދަ ޓީމުތައް ޕެރަގުއޭއިން ބަލިކޮށްފައިވުމަކީ އެޓީމުގެ ފެންވަރު ދައްކުވައިދޭ ކަމެއް ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.
އެމެރިކާ އާއި ޕެރަގުއޭއާއެކު ދެން ގްރޫޕް ޑީ ގައި ހިމެނެނީ ތުރުކީ އާއި އޮސްޓްރޭލިއާ އެވެ. އެމެރިކާ އާއި ޕެރަގުއޭ ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ހެނދުނު 6 ޖަހާއިރު އެވެ.