Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ފަޅާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހެކެވެ.

އަދި ފ. ފީއަލީގައި ގެންގުޅޭ ވޯޓާސް ލިސްޓުގެ މައްސަލައިގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި މީހަކު ވަނީ ގެންގޮސްފަ އެވެ. އެއާއެކު އެ ރަށުގައި ވޯޓުލުން ވަނީ ހުއްޓިފަ އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެމްޑީޕީން ނިންމާފައިވަނީ މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 50,176 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 241 ވޯޓު މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަމައެކަނި ސްރީ ލަންކާގައެވެ.