މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އެމްޑީޕީގައި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މި އިންތިޚާބުން މީކާއީލް މޮޅުވެއްޖެ ނަމަ ޕާޓީގެ ލީޑާޝިޕާ ހަވާލުވާނީ ޒުވާން، އާ ޓީމަކުން ކަމަށާއި އަދި ނަޝީދު ކާމިޔާބުކުރައްވައިފިނަމަ އެ މަނިކުފާނު އެ މަގާމަށް ވަޑައިގަންނަވާނީ ވެރިކަމާއި އެ ނޫން ވެސް ގިނަ ތަޖުރިބާއާ އެކުގައި ކަމަށެވެ.
""އެހެންވީމާ ކޮންމެ ގޮތަކަށް މި ނިމިގެން ދިޔަޔަސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެން ފަށާފައި މިވާ މަސައްކަތް، ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައި އޮތް އޮތުން އަޅުގަނޑުމެން އެއީ، އަޅުގަނޑުމެން އެއާ އެކު ކުރިއަށްދާން ޖެހޭ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ލީޑާޝިޕުން ކުއަށް ދާނެކަމުގެ އުއްމީދު އަޅުގަނޑުގެ ވަރަށް ބޮޑު." ސޯލިހު ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑު ހުންނާނީ އެމްޑީޕީ އާއެކު. ކޮންމެ ލީޑާޝިޕަކާ އެކު ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާކަމެއްގައި އަޅުގަނޑު ހުންނާނެ."
މީގެއިތުރުން ސޯލިހު ވަނީ ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އެމްޑީޕީ އިން ފަށާފައިވާ މަސައްކަތުގައި ޕާޓީ އެކުގައި ކުރިއަށްދާން ޖެހޭ ކަމަށާއި ބައިބައިވުމުގެ 'މިސްޓޭކު' ހެދުމުގެ ފުރުސަތު ޕާޓީ ތެރެއިން ނުދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.