އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން ހިތާމަވެރި ކަންކަން ފެންނަމުންދާ ކަމަށް، އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މީކާއިލް ވިދާޅުވީ އިންތިހާބުގެ ތެރެއިން ވަރަށް ހިތާމަވެރި ކަންކަން ފެންނަމުންދާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި އޭނާގެ ޓީމުގެ މަންދޫބުންނަށް ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ފަޅާލާފައި އޮތް ވޯޓު ފޮއްޓަށް ވޯޓުލުން ކުރިއަށްދާތަނާއި ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލާފައިވާތަން ވެސް ފެންނަމުންދާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އަޅުގަނޑު ދުވަހަކު ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން މިއިކީއެއް. އަޅުގަނޑުމެން ތަސައްވުރު ކުރާ އެމްޑީޕީއެއް ނޫން މިއިކީއެއް،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވަނީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް މިނިވަން އިންސާފުވެރި އިންތިހާބެއް ޕާޓީގެ އިންތިހާބު ކޮމިޓީން ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ. އަދި އެމްޑީޕީއަށް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެތެރޭގެ އިންސާފުވެރިކަން ގާއިމުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން ނިންމާފައިވަނީ މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 50,176 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 241 ވޯޓު މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަމައެކަނި ސްރީ ލަންކާގައެވެ.