މިދިޔަ އަހަރު އަލަތު ދަރިފުޅު ވިހޭ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އެނބުރި އެކްޓިން އަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އެނބުރި އަންނަ ފިލްމަކީ ޗާންދުނީ ބާ 2 ކަމަށެވެ. މި ފިލްމަކީ ތައްބޫ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު 2001 'ޗާންދުނީ ބާ' އާ ގުޅުވައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.
ކުރީގެ ފިލްމަކީ މަދޫރް ބަންޑާރްކަރް ޑައިރެެކްޓްކުރި ފިލްމެކެވެ. ނަމަވެސް 'ޗާންދުނީ ބާ 2' އަކީ އޭނަގެ ބައިވެރިވުެމއް ނެތި ހަދަން ނިންމާފައިވާ ފިލްމެކެވެ. އާ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ އަޖޭ ބާލްއާ އެވެ. އޭނަ އަކީ 'ބީއޭ ޕާސް' އާއި 'ސެކްޝަން 375' ގެ އިތުރުން 'ލޭޑީކިލާ' ގެނެސްދިން ޑައިރެކްޓަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން 'ޗާންދުނީ ބާ 2' ގެ ސްކްރީންޕްލޭ ވެސް ލިޔުނީ ފުރަތަމަ ބައި ވެސް ލިޔުނު މޯހަން އާޒާދު އެވެ.
މީޑިއާތަކުން ބުނީ މި ފިލްމު ކެޓްރީނާ އަށް ހުށަހެޅި އިރު، ފިލްމުގެ ރޯލަކުން ތައްބޫ ވެސް ފެންނާނެ ކަމަށެވެ. އެކަމަކު 'ޗާންދުނީ ބާ 2' ގެ ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ އަންހެނުން ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ 2024 ގެ މިސްޓްރީ ތުރިލާ 'މެރީ ކްރިސްމަސް' އެވެ. ކެޓްރީނާ ވިހެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.