Last Updated: June 15, 03:58
Monday, June 15, 2026
ރިޕޯޓް

ސިނގިރޭޓް ނުވިއްކާ ވިޔަފާރިވެރިޔާ!

ޑރ. އިޔާދު ޤުނައިބީ ވިދާޅުވި އެވެ؛ އިއްޔެ އަހަރެން ސުޕަމާކެޓަކަށް ވަނީމެވެ. އެ ތަނުން އަހަންނަށް ފާހަގަކުރެވުނީ އެތަނުގައި ސިނގިރޭޓު ނުވިއްކާ ކަމުގައި ބަޔާންކޮށްފައިވާ ލިޔުމަކަށެވެ.
އަހަރެން ސަމާސާކޮށްލުމުގެ ގޮތުން ސޭޓު ގާތުގައި ބުނީމެވެ: "މަލްބަރޯ އެބަހުރި ހެއްޔެވެ؟"
އޭނާއަށް ހީވީ އަހަރެން އެހީ ހަމަ އަސްލަށްވެސް ބޭނުންވެގެން ކަމަށެވެ. އެހެންވެ ބުންޏެވެ. "ނޫނެކެވެ. ގަންދީ ބުނަމެވެ. ނެތެވެ."
ދެން އަހަރެން ބުނީމެވެ. "އަހަރެން މިފަދައިން މިއެހީ މިތާގައި ސިނގިރޭޓު ނުވިއްކާތީ، ތިޔަބައިމީހުންނަށް ހެޔޮ ޖަޒާ ދެއްވާށިއޭ ބުނުމަށްޓަކައެވެ. އަދި ޝުޢައިބުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ބަސްފުޅު ހަނދާންކޮށް ދިނުމަށްޓަކައެވެ."
«بَقِيَّتُ اللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ»
މާނައީ: "ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ، (ޙަލާލު ގޮތުގައި) ﷲ ތިޔަބައިމީހުންނަށް ބާކީ އިތުރުކޮށްދެއްވި އެއްޗެއް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ." [سورة هود: 86]
މީގެ މުރާދަކީ، ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި ތަކެތީގެ ތެރެއިން ބާކީ ހުރި އެއްޗެއް ތިޔަބައިމީހުންނަށް މާ ހެޔޮވެގެންވެއެވެ. ގަންދީ ބުނަމެވެ. ބަރަކާތް ލެއްވިގެންވާ އެންމެ ދީނާރެއްވެސް، ބަރަކާތެއް ނެތް ހާސް ދީނާރަށްވުރެ މާ ހެޔޮކަން ބޮޑެވެ.
މި ވާހަކައިން އެ މީހާ ވަރަށް ބޮޑަށް އުފާވިއެވެ.

މި ވާހަކައިން ލިބޭ ޢިބުރަތް:

މާއްދިއްޔަތު (ފައިސާގެ ދަހިވެތިކަން) އިސްކޮށްފައިވާ މިފަދަ ޒަމާނެއްގައި، ރަނގަޅު އުޞޫލުތަކުގައި ހިފަހައްޓާ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ހެޔޮ ބަހެއް ބުނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިހާރަކަށް އައިސް ގިނަ ބަޔަކަށް ހީވެފައިވަނީ، ޙަލާލު ގޮތުގައި ވިޔަފާރިކުރުމުގެ އުޞޫލުތަކަށް ތަބާވުމަކީ ބުރަ ކަމެއް ކަމުގައެވެ. އަހަރެމެން އެކަކު އަނެކަކަށް ދީން މަތީގައި ޘާބިތުވާން ހިތްވަރު ދޭން އެބަޖެހެ އެވެ. އެއީ ދުނިޔޭގައި އެކަނިވެރިވެފައިވާ ކަމުގެ އިހުސާސް ނުވުމަށާއި، ނުބައި އޮއިވަރުގެ ކުރިމަތީގައި ބަލިނުވުމަށެވެ.
އަޅުގަނޑުމެންގެ ނަބިއްޔާ ގެ މި ޙަދީޘް ބަސްފުޅު ހަނދުމަކުރަމާ ހިނގާށެވެ.
«وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ»
މާނައީ: "އަދި ހެޔޮ ބަހަކީ ޞަދަޤާތެކެވެ." [متفق عليه]
الله تعالى އަޅުގަނޑުމެންނަކީ ހެޔޮބަސްބުނާ، އެއްބަޔަކު އަނެއްބަޔަކަށް ޙައްޤުގެ މަތީގައި ޘާބިތުވާން ހިތްވަރުދޭ ބަޔަކުކަމުގައި ލައްވާށި! އާމީން.

ނޯޓް: މިއީ ޝައިހް މުހައްމަދު ގާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.