Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ރާއްޖެއަށް "ބޮޑު ބަދަލު" ގެނައުމުގެ މަސައްކަތް މި ފެށުނީ

ރާއްޖެއަށް ބޮޑު ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ފެށުނީ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ އަދި ޕާޓީގެ ވިންދަކީ އާންމު މެމްބަރުންކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މިއީ ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް އެމްޑީޕީގެ އާންމު މެމްބަރުން ދިން ވޯޓެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވަން. ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން. ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފައިވާ ކަމަށާއި ނަޝީދަށް ދިން ވޯޓާއެކު "ބޮޑު ބަދަލު" ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިހާތަނަށް 114 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 6،493 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް ލިބިފައިވަނީ 2،837 ވޯޓެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ.

މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެ އެވެ.