Last Updated: June 14, 06:05
Sunday, June 14, 2026
ކުޅިވަރު

ކެނެޑާއަށް އެތެރެވާން ޕާޓޭއަށް ފުރުސަތެއް ނުދިން

ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ގާނާ ޓީމުގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ކެނެޑާއަށް އެތެރެވާން ފުރުސަތު ނުދޭން ނިންމައިފި އެވެ.

މުބާރާތުގައި ގާނާއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހަފްތާގައި ނިކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާގައި ކަމަށްވާއިރު، އެ މެޗުގައި ޕާޓޭއަށް ނުކުޅެވޭނެ އެވެ.

ފީފާއިން ބުނީ ކެނެޑާއަށް އެތެރެވާން ވިސާ ހޯދަން ޕާޓޭ ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރަން އެގައުމުން ނިންމާފައިވާ ކަމަށާއި މުބާރާތް ބާއްވާ ގައުމުގެ ވިސާގެ މަރުހަލާގެ ކަންކަމުގެ ތެރެއަށް އެ އިދާރާއިން ނުވަންނާނެ ކަމަށެވެ. އެގޮތުން މީގެކުރީގެ މުބާރާތަކާއި އެއްގޮތަށް ވިސާ ދޭނެ ފަރާތްތައް ނިންމާނީ އެ މުބާރާތެއް ބާއްވާ ގައުމެއްގެ ކަމާބެހޭ ފަރާތްތަކުން ކަމަށް ފީފާ އިން ބުންޏެވެ.

މިކަމާ ގުޅިގެން ގާނާގެ ފުޓްބޯޅަ އިދާރާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކެނެޑާއަށް އެތެރެވާން ޕާޓޭއަށް ފުރުސަތު ނުދިނުމަށް ނިންމިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރޭޕްގެ މައްސަލަތަކެއް އިނގިރޭސިވިލާތުގެ ކޯޓުގައި ދަނީ ކުރިއަށެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ގާނާއިން ކުޅޭ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. އެ ދެ މެޗުގައި ގާނާ ބައްދަލުކުރާނީ އިންގްލެންޑާއި ކްރޮއޭޝިޔާއާ އެވެ.