Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މީކާއިލް، ނަޝީދަށް މަރުހަބާ ދަންނަވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އެ އިންތިހާބުގައި އެމަނިކުފާނާއި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަރުހަބާ ދަންނަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

"އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން. ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމި ހުންނާނަން،" މީކާއިލް ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ، އެ ޕާޓީގެ ޗެއާޕަސަން ކަމަށް ނަޝީދު އިންތިހާބުވީ ބޮޑު ތަފާތަކުންނެވެ. އެގޮތުން މިހާތަނަށް 130 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 8،661 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް ލިބިފައިވަނީ 4،158 ވޯޓެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ.

މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިޚާބުގެ ކަންކަން ނިމެންދެން މިވަގުތު އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.