ސަރުކާރުން ބޭއިންސާފުން ކަންކަން ކުރާނަމަ ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޗެއާޕާސަން އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމަނިކުފާނަށް ތާއީދުކޮށް ހެދި އެތައް ބަޔަކާއި ދޭތެރޭ ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން އެފަދަ ކަންކަން މާދަމާއިން ފެށިގެން ރަނގަޅުކުރުމަށާއި ނޫނީ ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތި ހުރިހާ ކުންފުންޏެއް، މާލޭގައި މި ހުރި، އެ ތަންތަނުގެ ހެޑް އޮފީސްތައް އޮކިއުޕައި ކުރާނަން. އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާނަން،" ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރުން އެއްވެސް މީހަކަށް ބޭއިންސާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަޅުގަނޑުމެން ތިބޭނީ ބަލަބަލާ،"
އެމްޑީޕީއަކި ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި ޕާޓީގެ ހުރިހާ މެންބަރުންނާ އެކު މަސައްކަތްކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ ކަމެއް ފެށުމެއް ކަމަށާއި މި މަސައްކަތް ކާމިޔާބުވާން އޮތީ އެމްޑީޕީގެ އާއްމު މެންބަރުންނާއި، އެންމެހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެންކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ހުރިހާ ވާދަވެރިންނަށް ވެސް ގޮވައިލަން ވަޑައިގަންނަވާށޭ. ވަޑައިގެން އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، ސަރުކާރު ޖަވާބުދާރީކޮށް، އަދި ސަރުކާރު ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ވެސް އަޅުގަނޑުމެން މިރެއިން ފެށިގެން ކުރިއަށްގެންދާންވީ،" ނަޝީދު ވިދާޅުވި އެވެ.