ފީފާ ވޯލްޑް ކަޕްގައި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ބްރެޒިލަށް ވާދަކޮށްލެވޭނެ ކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ބްރެޒިލުން މިރޭ އެފްރިކާގަދަ ގަދަބާރު މޮރޮކޯއާ ދެކޮޅަށް ނިކުންނާނެ އެވެ. ބްރެޒިލް އަކީ ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމެވެ.
މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ ބްރެޒިލްގައި އޮތީ ކޮންމެ ޓީމަކާއި ވެސް ވާދަކޮށްލެވޭ ވަރުގެ ޓީމެއް ކަމަށާއި އެގޮތުން ބްރެޒިލްގެ ޓީމު އެކުލެވިގެން ވަނީ ފެންވަރު ހުރި އަދި ތަޖުރިބާ ހުރި ކުޅުންތެރިންގެ މައްޗަށް ކަމަށެވެ.
"ވަރަށް ޔަގީންކަން އެބައޮތް މި ޓީމަށް ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ވާދަކޮށްލެވޭނެކަން،" އެންޗެލޯޓީ ބުންޏެވެ.
މި މެޗަށް ނިކުންނައިރު ބްރެޒިލް ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ނޭމާއަށް އަނިޔާގެ ސަބަބުން ނުކުޅެވެ އެވެ. އެންޗެލޯޓީ ބުނީ އަނިޔާއިން ރަނގަޅުވާން ނޭމާ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި އަންނަ ހަފްތާގައި ނޭމާއަށް ބައިވެރިވާން ފެށޭނެ ކަމަށް ބެލެވެ ކަމަށެވެ.
ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑަށް ނޭމާ ނެގީ ހަމައެކަނި އޭނާގެ ފެންވަރަށް ބެލުމަށްފަހު ނޫން ކަމަށާއި ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ނޭމާގެ ތަޖުރިބާ ވެސް މުހިއްމު ވާނެތީ ކަމަށް އެންޗެލޯޓީ ބުންޏެވެ.
ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން ދަންވަރު 3 ޖަހާއިރު އެވެ.