Last Updated: June 14, 06:05
Sunday, June 14, 2026
ކުޅިވަރު

ބްރެޒިލް ދެކެ ބިރުގަންނާކަށް ނުޖެހޭ: މޮރޮކޯ

ބްރެޒިލް ޓީމަށް އިހުތިރާމް ކުރި ނަމަވެސް އެޓީމު ދެކެ ބިރުގަންނަން ނުޖެހޭ ކަމަށް މޮރޮކޯ ޓީމުގެ ކޯޗު މުހައްމަދު އުއާބީ ބުނެފި އެވެ.

އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި މޮރޮކޯ މިފަހަރު ލައްވާލާފައިވަނީ ބްރެޒިލް އާއި ސްކޮޓްލެންޑް އަދި ހެއިޓީއާ އެއް ގްރޫޕެއްގަ އެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މިދިޔަ މާޗު މަހު މޮރޮކޯ ޓީމާއި ހަވާލުވި އުއާބީ ބުނީ، މިއީ ޓީމު މިވަގުތު ތިބި ހިސާބު ވަޒަންކޮށްލަން ލިބޭނެ މުހިންމު މެޗެއް ކަމަށާއި މި މުބާރާތް ފަށަން ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ބްރެޒިލް ދެކެ ބިރުގަންނާކަށް ނުޖެހޭ، އެކަމަކު އެއީ ވަރުގަދަ ޓީމެއްކަމަށް ގަބޫލުކޮށް އިޙުތިރާމް ކުރަންޖެހޭނެ. ބައެއް މީހުން ބުނެފާނެ މިއީ ކުރީގެ ބްރެޒިލް ނޫނޭ، އެކަމަކު މިއީ އަދިވެސް ހަމަ ބްރެޒިލް،" އުއާބީ ބުންޏެވެ.

މި މެޗާ ގުޅޭގޮތުން މޮރޮކޯ ޓީމުގެ ކެޕްޓަން އަޝްރަފް ހަކީމީ ބުނީ، ބްރެޒިލްގެ ކުޅުންތެރިންގެ ފެންވަރާއި ހުނަރު އެނގޭ ކަމަށާއި އަމާޒަކީ އެންމެ ފުރިހަމަ ގޮތުގައި މުބާރާތް ފަށައި، ވީހާވެސް ދުރަކަށް ދިއުމާއެކު މިދިޔަ ވޯލްޑް ކަޕަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.

ނަމަވެސް މިވަގުތު އެންމެ ބޮޑަށް ވިސްނަނީ މިރޭގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށްވެސް ހަކީމީ ބުންޏެވެ.

"ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި މިފަދަ މެޗަކަށް ނުކުންނައިރު، ވަކި ޓީމެއް މޮޅުވާނެ ކަމަށް ބުނުމަކީ އުނދަގޫ ކަމެއް. ދެ ޓީމަށްވެސް އޮތީ ހަމަހަމަ ފުރުސަތެއް، މިއީ ވަރަށް ވާދަވެރި މެޗަކަށް ވާނެ،" ހަކީމީ އިތުރަށް ފާހަގަކުރި އެވެ.