Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މިއީ މި ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު

މިއީ މި ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަހުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ޙަރަކާތް ކަމަށެވެ. އަދި ޕާޓީގެ ޑިމޮކްރަސީގެ ރޫޙު ދައްކުވައިދިން ހުރިހާ މެންބަރުންނަށާއި، އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންގޮސްދެއްވި ވޮލަންޓިއަރުންގެ އިތުރުން، ވާދަކުރެއްވި ކެންޑިޑޭޓުން ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝާހިދު ވަނީ ޝުކުރު އަދާކުރެއްވި އެވެ.

"މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، އެންމެން އެކުގައި މިސަރުކާރު ބަލިކޮށް، ދިވެހި ރައްޔިތުން ބޭނުންވާ ފަދަ އެމްޑީޕީގެ ވެރިކަމެއް ހޯދައިދިނުމުގެ މަސަތްކަތައް ފަށަންވީ ވަގުތު،" ޝާހިދު ވިދާޅުވި އެވެ.

ޗެއާޕާސަން އިންތިޚާބުގައި ނަޝީދު ވާދަކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ތާއީދާއެކު ނުކުމެވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާ އެވެ.

ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވުމާ ގުޅިގެން ސޯލިހު ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

ސޯލިހު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ ކަމަށާއި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.