އިންތިހާބުކޮށްފައިވާ ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ މިދިޔަ އަހަރު ކުޑަކޮށްފައިވީ ނަމަވެސް ކުރިން ދިން މުސާރަ އިޔާދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅައިފި އެވެ.
ރާއްޖޭގައި މި ވަގުތު އޮތީ ދެ ސިޓީ ކައުންސިލެވެ. އެއީ އައްޑޫ ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހަ މެމްބަރުން ތިއްބަވާ އިރު، މާލެ ސިޓީ ކައުންސިލްގައި 11 މެމްބަރުން ތިއްބަވަ އެވެ.
މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރަ ކުޑަކުރަން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަކާ އެއްގޮތަށެވެ.
އެ ދެ ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ކުޑަކުރަން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަކާ އެއްގޮތަށެވެ.
ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ކުރިން 45،000ރ. ލިބުނު ނަމަވެސް މިހާރު ލިބެނީ އެންމެ 18،000ރ. އެވެ. އަދި ކައުންސިލްގެ ނާއިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރަށް ކުރިން 35،000ރ. ލިބުނަސް މިހާރު ލިބެނީ 14،000ރ. އެވެ. މީގެ އިތުރުން ކައުންސިލްގެ އެހެން މެމްބަރުންނަށް ކުރިން 25،000ރ. ލިބެމުން ދިޔަ ނަމަވެސް މިހާރު ލިބެނީ އެންމެ 11،500ރ. އެވެ.
މި ބަދަލާ ގުޅިގެން އައްޑު އާއި މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ ދެ ކައުންސިލްގެ މުސާރަ ކުޑަ ކުރީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނާތީ، އެކަން ސަރުކާރަށް ހަޖަމް ނުކުރެވިގެން ކަަމަށެވެ.
ކުރީގެ މުސާރަ ސިޓީ ކައުންސިލަރުންނަށް އިޔާދަކޮށް ދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މިކަން ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ މަހާސިންތާއެއް ވެސް މާލޭގައި ދާދި ފަހުން ބާއްވާފައި ވަނިކޮށެވެ.
