Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ގްރީން ޓެކްހަށް ލިބުނު އަދަދު ބިލިއަނަކަށް

މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިއްުޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަސްތެރޭ ދައުލަތަށް ގްރީން ޓެކްހުގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 10 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ގްރީން ޓެކްހަށް ލިބުނީ 959 މިލިއަބް ރުފިޔާ އެވެ.

ގްރީން ޓެކްހަށް މި އަހަރުގެ ފުރަތަމަ 5 މަހު ލިބުނު އަދަދުތައް:

* ޖެނުއަރީ: 221,796,366ރ.
* ފެބްރުއަރީ: 200,361,4ރ.
* މާޗް: 312,371,989ރ.
* އެޕްރީލް: 185,262,216ރ.
* މެއި: 138,600,842ރ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ގެ އޮކްޓޯބަރުން ފެށިގެންނެވެ. މިއީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ޓެކުހެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އުމުރުން ދެ އަހަރުގެ ނުވާ ކުދިން އިސްތިސްނާވެ އެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން އަންނަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ.