Last Updated: June 15, 06:14
Monday, June 15, 2026
ޚަބަރު

އާރްޓީއެލް ފެރީން ދަތުރުކުރި އަދަދު 1.6 މިލިއަނަށް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށި ފަހުން 1.6 މިލިއަނަށް ވުރެ ގިނަ މީހުން އެ ހިދުމަތް ހޯދާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން "ޓްރޭޑް ޑެސްކް ވިތު އަނާ" ގެ ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވީ، ސަރުކާރުން އަންނަނީ އާރްޓީއެލްގެ ތަފާސްހިސާބުތަކާއި، ދަތުރުވެރިންގެ ޕެޓާންތަކުގެ އިތުރުން އެންމެ ގިނައިން މީހުން ދަތުރުކުރާ ޒޯންތައް ވަރަށް ގާތުން ބަލަމުންނެވެ.

އެގޮތުން މިހާތަނަށް އެންމެ ކާމިޔާބުކަމާ އެކު އެ ނިޒާމި ކުރިއަށް ދަނީ ހއ، ހދ، އަދި ށ. އަތޮޅު ހިމެނޭ ޒޯން 1 ގައި ކަމަށް ވިދާޅުވި އެވެ. ޔާސިރު ވިދާޅުވި ގޮތުގައި އެ ސަރަހައްދުން އެކަނި ވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1،000 އެއްހާ މީހުން ފެރީ ދަތުރުގެ ހިދުމަތް ބޭނުން ކުރެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް މިހާތަނަށް 15 އަތޮޅަކަށް ތައާރަފުކޮށްފައިވާ އިރު، މި މަހުގެ ފަހުކޮޅު މ. އަތޮޅުގައި އެ ހިދުމަތް ފަށާނެ އެވެ. އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ނުފެށީ އޮތީ 5 އަތޮޅެއްގަ އެވެ. އެއީ މ. އަތޮޅު ހިމެނޭ ގޮތަށް ކ، އއ، އދ އަދި ވ. އަތޮޅެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އާރްޓީއެލް ފެރީ ނިޒާމުން ގުޅުވައިލުމެވެ. މި ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީ މެދުވެރިކޮށެވެ.

އާރްޓީއެލް ހިދުމަތަކީ މިދިޔަ ސަރުކާރުގައި 2022 ގައި ތައާރަފުކުރި ހިދުމަތެވެ. މީގެ ދަށުން ފެރީ ހިދުމަތުގެ އިތުރުން އާބާދީ ބޮޑެތި ބައެއް ސަރަހައްދުތަކުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.