Last Updated: June 15, 06:14
Monday, June 15, 2026
މުނިފޫހިފިލުވުން

އާރްޑީ ބަރްމަންގެ ރޯލު ފަރުހާނަށް

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އާރްޑީ ބަރްމަންގެ ރޯލު ކުޅެން ފަރުހާން އަޚްތަރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ބައޮގްރަފިކަލް ޑްރާމާ އަކީ ނީރަޖް ޕާންޑޭ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ އިންޑިއާގެ ކްރިކެޓް ތަރި، އެމްއެސް ދޯނީގައި ބައޯޕިކް 2016 ގެ އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ ގެ ވެސް ޑައިރެކްޓެވެ.

ޕިންކްވިލާ އިން ބުނީ އާރްޑީ ބަރްމަންގެ ބައޯޕިކް ވެސް ޕްރޮޑިއުސް ކުރަނީ އެމްއެސްދޯނީގެ ވެސް ޕްރޮޑިއުސަރު އަރޫން ޕާންޑޭ ކަމަށެވެ.

އާ ފިލްމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިންް ފަށަން ޕްލޭންކޮށްފައިވާ އިރު، ފިލްމަށް ވަރަށް އަވަހަށް ފަރުހާން ތައްޔާރީތައް ވެސް ވާން ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އޭނަ ކުރިން ވެސް ވަރަށް ކާމިޔާބު ބައޯޕިކެއް ކުޅެފައިވެ އެވެ. އެއީ އިންޑިއާގެ ކުރީގެ ދުވުންތެރިޔާ މިލްކާ ސިންގްގެ ވާހަކަ ކިޔައިދިން 2013 'ބާގް މިލްކާ ބާގް' އެވެ.

އާރްޑީ ބަރްމަންގެ ރޯލު ކުޅެން ފަރުހާނަށް ހުށަހެޅި އިރު، ބަރްމަން އަކީ މި އަހަރު މަރުވި ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ދެވަނަ ފިރިމީހާ އެވެ. ހާޓްއެޓޭކެއް ޖެހިގެން ބަރްމަން މަރުވީ ޖެނުއަރީ 4، 1994 ގަ އެވެ. އޭރު އޭނަގެ އުމުރަކީ 44 އެވެ. ބަރްމަން އަކީ އެތައް ފިލްމަކަށް މަޝްހޫރު އެތައް ލަވައެއްގެ މިއުޒިކް ހަދާފައިވާ ފަންނާނެކެވެ. އޭނަގެ ކެރިއަރު 1960 އިން ފެށިގެން 1990 ގެ ކުރީކޮޅާ ހަމައަށް ދެމިގެން ދިޔަ އެވެ.

އެގޮތުން ބަރްމަން މިއުޒިކް ހެދި ފިލްމުތަކުގެ އަދަދު 330 އަށް ވުރެ ގިނަ އެވެ.

އޭނަގެ ރޯލު ކުޅެން ފަރުހާނަށް ފުރުސަތު ލިބުނު އިރު، ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަގާންގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ އާމިރު ޚާން ހިމަނައިގެން ހަދަން ނިންމާފައިވާ ބައޯޕިކްގެ ރޯލެއް ވެސް ފަރުހާނަށް ހުށަހަޅާފައިވެ އެވެ. އެ ބައޯޕިކަކީ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ވާހަކަ ކިޔައިދޭ ފިލްމެވެ.

ފަރުހާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ހަނގުރާމަ ފިލްމު '120 ބަހާދޫރް' އިންނެވެ. އޭނަގެ ވާހަކަ މި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވިފައި ވަނީ ޑައިރެކްޓް ކުރަން އިއުލާންކުރި 'ޑޮން 3' އިން ރަންވީރު ސިންގް ވަކިވުމާ ގުޅިގެން އުފެދިފައިވާ މައްސަލަގަނޑާ ގުޅުވައިގެންނެވެ.