މި އަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި އެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.
މިއަދުން ފެށިގެން މި މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާ ސިވިލް ސާވިސް ކޮންފަރެންސްގައި 300 އެއްހާ މީހުން ބައިވެރިވެ އެވެ.
މި ކޮންގފަރެންސަކީީ ސިވިލް ސަރވިސްގެ މަސައްކަތާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއެކު ސިވިލް ސާވިސްގެ ޚިދުމަތްތައް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
އެގޮތުން ސިވިލް ސާވިސްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށް ދެއްވަމުން އަންނަ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކޮންފަރެންސްގެ ތެރެއިން ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި މިހާރު ދިމާވަމުންދާ މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މި އަހަރު ބާއްވަނީ 5 ވަނަ ސިވިލް ސާވިސް ކޮންފަރެންސެވެ. އެންމެ ފުރަަތަމަ ސިވިލް ސާވިސް ކޮންފަރެންސް ބޭއްވީ 2014 ގަ އެވެ.
މި އަހަރުގެ ކޮންފަރެންސްގައި އަށް ދާއިރާއަރކުން 18 ދިރާސީ ކަރުދާސް ހުށަހަޅާފައިވެ އެވެ. ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނެ އެވެ.
މި އަހަރުގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ 2026-2030 ގެ ނިޔަލަށް ކަނޑައަޅާފައިވާ ސިވިލް ސާވިސްގެ އެކްޝަން ޕްލޭން ވެސް އިފްތިތާޙުކޮށްކޮށްފަ އެވެ.