Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ކޮރަޕްޝަން ނައްތާލަން ސިވިލް ސާވަންޓުންގެ ދައުރު ބޮޑު

ރާއްޖެ އިން ކޮރަޕްޝަން ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި 5 ވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމުގެ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް އޮތަސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށް ދޭ ޚިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ އަބަދުވެސް އެދުމަކީ އަވަސް ޚިދުމަތެއް ލިބުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށެވެ. އަދި އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާ ނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހި ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެ ނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ބޭނުންވާ ރައްޔިތުންގެ ފައިސާއިން އެންމެ ހިތްހަމަ ޖެހޭ ފަދަ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް، އަޅުގަނޑުމެންގެ އޮފީސްތައް އިރާދަކުރެއްވިއްޔާ ވެގެންދާނެ." ޝަފީޢު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ކޮރަޕްޝަން ނައްތާލައި މަސައްކަތް ކުރެވިއްޖެ ނަމަ، ރައްޔިތުންނަށް އިސްކަންދޭ ނިޒާމެއް ޤާޢިމްކުރެވި މަސައްކަތް ކުރެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ އިދާރާއަކުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރަންގަޅު ކުރެވޭނެ ކަންކަން ބަލަން ޖެހޭ ކަމަށާއި އެ ބަދަލުތައް ގެނެވިއްޖެނަމަ ރައްޔިތުންނަށް އިސްކަންދީގެން ޚިދުމަތް ދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.