އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާގެ އަލީގައި މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީންކަން އޮތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް ވެސް މި ވަގުތު ވަރަށް ގިނަ ކަމަށެވެ.
"އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނު [ނަޝީދު] ގެ ތަޖުރިބާ ގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރަން." ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީ ގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް @MohamedNasheed އަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް @MDPSecretariat އިން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ. އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާ ގެ…
— Ibrahim Mohamed Solih (@ibusolih) June 12, 2026
އެ މަނިފާނު އަދި ވިދާޅުވީ ޕާޓީއާއިގެން ކުރިއަށް ދާންވީ އެންމެން އެކީގައި ކަމަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވި އިރު، ސޯލިހު އެ އިންތިހާބުގައި ތާއީދު ކުރެއްވީ މީކާއީލް ނަސީމަށެވެ. ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވަނީ މި އިންތިހާބަކީ ނަޝީދު ވާދަ ކުރައްވަން ޖެހިވަޑައިނުގަންނަވާ ކަމަށް އިންތިހާބެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދަކީ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަމާއި ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. ނަޝީދަށް އަލުން ޕާޓީގެ އެންމެ ބާރުގަދަ މަގާމު ލިބިވަޑައިގަތް އިރު، 2023 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން، ޕާޓީން ދޫކޮށްލެއްވި ވެ. އަދި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި، އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރެ، ރިޔާސީ އިންތިހާބަށް ކެމްޕޭން ވެސް ކުރެއްވި އެވެ.
ނަމަވެސް ޑިމޮކްރެޓްސްގައި ސިޔާސީ ކުރިމަގެއް ނެތުމުން އެ ޕާޓީ ދޫކޮށް، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2024 ގަ އެވެ.
ދާދި ފަހުން އިލެކްޝަން ކޮމިޝަނުން ވަނީ ގާނޫނީ އަދަދަށް މެންބަރުން ހަމަނުވާތީ ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް އުވާލައިފަ އެވެ.