ރަސޫލު الله ﷺ ޙަދީޘް ކުރައްވާފައިވެއެވެ؛
« وَلاَ تُسَافِرَنَّ امْرَأَةٌ إِلاَّ وَمَعَهَا مَحْرَم ". فَقَامَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ، اكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا، وَخَرَجَتِ امْرَأَتِي حَاجَّةً. قَالَ " اذْهَبْ فَحُجَّ مَعَ امْرَأَتِكَ »
މާނައީ: "އަދި އެއްވެސް އަންހެނަކު އޭނާގެ މަޙުރަމަކާ (ކައިވެނިކުރުން ދާއިމަށް ޙަރާމްވާ މީހަކާ) އެކުގައި މެނުވީ ދަތުރު ނުކުރާހުށިކަމެވެ."
އެ ހިނދު އެތަނުން ބޭކަލަކު ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ! ތިމަންވަނީ އެވެނި މިވެނި ހަނގުރާމައެއްގައި (ބައިވެރިވުމަށް) ނަންނޯޓު ކޮށްފައެވެ. އަދި ތިމަންގެ އަނބިމީހާ މިހާރު ޙައްޖަށް ދިއުމަށް ނިކުމެއްޖެއެވެ.
އެހިނދު އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: "ކަލޭގެފާނުގެ އަނބިކަނބަލުންނާ އެކުގައި ޙައްޖުވުމަށް ވަޑައިގަންނަވާށެވެ."
صحيح البخاري [3006] صحيح مسلم [1341]
އަންހެން ކަނބަލުންނަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް މަޙްރަމަކާ ނުލައި އަންހެނުންގެ ޖަމާޢަތަކާއި އެކު ދަތުރުކުރެވޭނެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މުޙައްމަދު ބުން ޞާލިޙް އަލް ޢުޘައިމީން رحمه الله މި ޙަދީޘް ގެންނެވުމަށް ފަހު ވިދާޅުވެފައިވެއެވެ؛
"އެ ޞަޙާބީ ހަނގުރާމައިގައި ބައިވެރިވުމަށް ނަންނޯޓުކޮށްފައިވީ ހާލުވެސް ރަސޫލާ ﷺ އެކަލޭގެވާނަށް ހަނގުރާމައަށް ދިއުން މަނާ ކުރައްވައި، އަމުރު ކުރެއްވީ އަނބިކަނބަލުންނާއި އެކުގައި ޙައްޖުވުމަށް ދިއުމަށެވެ.
އެކަމަނާވީ އަމާންކަންމަތީ ރަނގަޅު ބަޔަކާ އެކުގައިތޯ އެކަލޭގެފާނު ﷺ އެ ޞަޙާބީއަކާއި ސުވާލެއް ނުކުރައްވައެވެ.
އަދި އެކަމަނާއަކީ ދުވަސްވީ ކަނބަލެއްތޯ ނުވަތަ ޒުވާން ކަނބަލެއްތޯ ސުވާލެއް ނުކުރައްވައެވެ.
އަދި އެކަމަނާއަކީ ބުރުސޫރަ ރީތި ކަނބަލެއްތޯ ނުވަތަ ނޫންތޯއެއްވެސް ސުވާލެއް ނުކުރައްވައެވެ.
އަދި އެކަމަނާ ހުރީ ބިރުވެރިކަމެއްގެ ޙާލަތެއްގައިތޯ ނުވަތަ އަމާންކަމުގެ ޙާލަތެއްގައިތޯއެއް ވެސް ސުވާލެއް ނުކުރައްވަ އެވެ.
މިއިން އެއްވެސް ކަމެއްގެ ސަބަބުން އަންހެނާ ދަތުރު ކުރުމުގެ ޙުކުމް ތަފާތުވެފައި އޮތްނަމަ ރަސޫލާ ﷺ މިފަދަ ސުވާލެއް ކުރެއްވީހެވެ. އެހެނީ ރަސޫލާ ﷺ އަކީ ޚަލްޤުތަކުންނަށް އެންމެ ހެޔޮގޮތް އެދިލވަޑައިގަންނަވާ އެންމެ ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ އިންސާނާ ކަމުގައިވީހިނދު، އެފަދަ ކަމެއްގައި އޮޅުންފިލުވަންޖެހޭ ކަމެއް އޮތްނަމަ އެކަލޭގެފާނު އެކަމާމެދުގައި ސުވާލު ކުރެއްވީހެވެ. އޭރުން އެ ޞަޙާބީއަށް ވެސް ހަނގުރާމައިގެ އަޖުރު ގެއްލިގެން ނުދިޔައީހެވެ.
އެހެންކަމުން އެނގިގެން ދަނީ (މި ޙަދީޘްގެ ތެރޭގައި) ހުރިހާ ބާވަތެއްގެ ދަތުރެއް ޢާންމުކޮށް ޝާމިލުވާނޭކަމެވެ. އަދި ޙައްޖު ދަތުރެއް ވިއަސް، ޢުމްރާ ދަތުރެއްވިއަސް، (އެހެނިހެން ތަނަކަށް) ޒިޔާރަތްކުރުމަށް ކުރާ ދަތުރެއްވިއަސް، ބޭސްފަރުވާއަށް ކުރާ ދަތުރެއްވިއަސް، އަދި މިނޫން އެހެން ކަމެއްގައި ކުރާ ދަތުރެއްވިއަސް އަންހެނަކު އޭނާގެ މަޙުރަމަކާ ނުލައި ދަތުރު ކުރުން ހުއްދަވެގެން ނުވާކަން އެނގިގެންދެއެވެ.
އަދި އަންހެނަކު އެހެން އަންހެނުން ތަކަކާއިއެކު ދަތުރުކުރާއިރު، އޭގެތެރެއިން ބައެއް އަންހެނުންގެ މަޙުރަމުން އެބައި މީހުނާ އެކުގައި ވީނަމަވެސް، އަމިއްލަ މަޙުރަމެއް ނެތް އަންހެނަކަށް (މަޙްރަމުން ތިބި އަންހެނުންގެ) އެފަދަ ޖަމާޢަތަކާއި އެކުގައިވެސް ދަތުރުކުރުން ހުއްދަވެގެން ނުވެއެވެ. އަދި މިއީ ނަބިއްޔާ ﷺ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފައިވާ ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުގެ ޙުކުމް ޤަބޫލު ކުރުމެވެ.
ބައެއް މީހުން ބުނެއެވެ؛ އަންހެނަކު މަތިންދާ ބޯޓަކުން ދަތުރު ކުރާނަމަ، އޭނާއަށް މަޙުރަމަކާ ނުލައިވެސް ދަތުރު ކުރުން ހުއްދަވާނެއެވެ. އެއީ އޭނާ ފުރާ މަންޒިލުން އޭނާގެ މަޙުރަމަކު އޭނާ އެ ބޯޓަށް އެރުވުމަށްފަހު، އޭނާ ފައިބާ މަންޒިލުން އޭނާގެ އެހެން މަޙުރަމަކު އޭނާ ބަލައި އައިސްފިނަމަ (ދެން ކޮންމެހެން އޭނާގެ މަޙުރަމަކު އޭނާ އާއެކު އެ ބޯޓުން ދަތުރު ނުކުރިޔަސްވެސް މައްސަލައަކަށް ނުވާނެ އެވެ.)
އެފަދަ މީހުނަށް އަޅުގަނޑުމެން ދަންނަވަމެވެ: ރަސޫލާ ﷺ ގެ (އިސްވެ ބަޔާންވެދިޔަ) ޙަދީޘްބަސްފުޅުގައި (ހުރިހާ ހާލަތެއްގައިވާ ހުރިހާ އަންހެނުން ހިމެނޭނެފަދައިން) ޢާންމުކޮށް އޮތްހިނދުވެސް އަދި (މަތިންދާބޯޓުގައި ދަތުރުކުރާ އަންހެނުން މި ޙަދީޘްގެ މާނައިން އިސްތިޘްނާކޮށް، އެހެން ޙާލަތްތަކަކަށް މި ޙަދީޘްގެ މާނަ) ޚާއްސަކޮށްފައިވާ ދަލީލެއް ނެތް ހިނދުވެސް، (މަތިންދާ ބޯޓުގައި އަންހެނުންނަށް މަޙްރަމަކާއި ނުލައި ދަތުރުކުރުން ހުއްދަވާނޭ ކަމަށް ބުނެ) މި ޙަދީޘްގެ ޢާންމު މާނައިން މި ޙާލަތް ތިޔަބައިމީހުން ތިޔަ ބޭރުކުރަނީ ކޮން ދަލީލަކަށް ބިނާކޮށްހެއްޔެވެ؟
އެހެނީ މަތިންދާ ބޯޓެއްގައި ކުރާ ދަތުރަކީ ލުޣަވީގޮތުން (ބަހުހުގެ) ގޮތުން ބަލާއިރުވެސް ދަތުރެކެވެ. އަދި ޢުރުފުގެ (އާދަކާދައިގެ) ގޮތުން ބަލާއިރުވެސް ދަތުރެކެވެ. އެހެންކަމުން ޙަދީޘްގައިވާ "لا تسافر" "ދަތުރު ނުކުރާށެވެ" އޮތް ޢިބާރާތުން މަތިންދާބޯޓުގައި ކުރާ ދަތުރު އިސްތަޘްނާކޮށް ހުއްދަކުރާނީ ކިހިނަކުންތޯއެވެ؟ "
مجموع فتاوى ورسائل العثيمين (ج21، ص180-181)
އަޅުކަމެއްގެ ގޮތުގައި ކުރެވޭ ޙައްޖާއި ޢުމްރާފަދަ ދަތުރުތައް އަންހެނަކަށް މަޙުރަމަކާއި ނުލައިކުރުން ހުއްދަ ނުވާއިރު، އަޅުކަމަކަށް ނުވާ އެހެނިހެން ދަތުރުތައް ކުރުން އަދި އަމުދުން ހުއްދަ ނުވާނޭކަން ދަންނަންޖެހެއެވެ. ހުރިހާ ބާވަތެއްގެ ދަތުރުތައް ޝާމިލުވާނޭހެން ރަސޫލާ ﷺ ދެއްވާފައިވާ މި އިރުޝާދަކީ އަންހެން ކަނބަލުންގެ ރައްކާތެރިކަމަށްޓަކައި ދެވިފައިވާ އިރުޝާދެކެވެ. އެހެނީ ދައުލަތްތަކުގެ ރަސްރަސްކަލުންނާއި ރާނީންނަކީ އެކަނި ދަތުރުކޮށްއުޅޭ ބައެއްނޫނެވެ. އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެބައިމީހުންނާއި އެކު ހަށިފާރަވެރިން ކޮންމެ ދަތުރެއްގައިވެސް ބައިވެރިވެ ގާތުގައި ތިބެއެވެ.
އިސްލާމް ދީނުގައި އަންހެން ކަނބަލުންނަށް ދެވިފައި ވަނީ، ދައުލަތްތަކުގައި ރާނީންނަށް ދެވިފައިވާ ފަދަ މަތިވެރި ޤަދަރަކާއި ޢިއްޒަތެކެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ގާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.