ލޯކަލް ކައުންސިލް އިންތިހާބަށްފަހު ގައުމުގެ ކަންކަން އިސްލާހު ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާއީދު ލިބެމުން އަންނަ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ މި ނަތީޖާއިން ހާމަވެގެންދަނީ ކައުންސިލް އިންތިޚާބަށްފަހު ޤައުމުގެ ކަންކަން އިސްލާހު ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު ލިބެމުން އަންނަކަން ކަމަށެވެ.
"މާތްاللهގެ ހެޔޮ ރަޚްމަތާއެކު އަޅުގަނޑުމެން 2028 އާއި ބައްދަލުކުރާނީ ރައްޔިތުންގެ ރުހުމާއި ލޯބި ހޯދައިގެން،" ޝުޖާއު ވިދާޅުވި އެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. މިއަދު ބޭއްވި ބައި އިލެކްޝަން ސުހާ ކާމިޔާބު ކުރެއްވީ 529 ވޯޓުންނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ.
މި ގޮނޑިއާއެކު ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް މިހާރު ވަނީ ލިބިފަ އެވެ.