ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ ފަހު ވަގުތު ގަތަރުން 1-1 އިން ސްވިޒަލޭންޑާއި އެއްވަރުކޮށް، ތާރީހީ ޕޮއިންޓެއް ހޯދައިފި އެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ގަތަރުން ހޯދި ފުރަތަމަ ޕޮއިންޓެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބްރީލް އެމްބޯލޯ ވަނީ ސްވިޒަލޭންޑަށް ލީޑު ނަގައިދީފަ އެވެ. މިއީ ގަތަރުގެ ކީޕަރު ސްވިޒަލޭންޑްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ސްވިޒަލޭންޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އަދި ދެވަނަ ހާފުގައި ވެސް ސްވިޒަލޭންޑުން ކުރިއަށް ޖެހިލައިގެން ގަތަރުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ގަތަރުގެ ކީޕަރު މަހުމޫދު އަބޫނަދާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
ދެވަނަ ހާފުގައި ކައުންޓަ އެޓޭކުތަކުގައި ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާ ކުރަން ގަތަރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބޫލަމް ހޫކީ ވަނީ ގަތަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ސްވިޒަލޭންޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ކެނެޑާ އާއި ބޮސްނިއާ ރޭ ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.