ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީ ގައި މިރޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު މޮރޮކޯ އިން ވަރުގަދަކޮށް ފެށިއިރު، އެޓީމުން ދިޔައީ ބްރެޒިލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓްގައި އިސްމާއިލް ސައިބާރީގެ ހިތްގައިމު ގޯލުން މޮރޮކޯ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު ސައިބާރީ ކާމިޔާބުކުރީ ބްރެޒިލްގެ ކީޕަރު އެލިސަންގެ ބޯމަތިން ފޮނުވާލި ބޯޅައަކުންނެވެ.
މި ގޯލަށްފަހު ވެސް މޮރޮކޯ އަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިނީޝަސް ޖޫނިއާ ވަނީ ބްރެޒިލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ މޮރޮކޯގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލުން ކުޅުނު ނަމަވެސް މޮރޮކޯގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ މޮރޮކޯގެ އޭނޫއީ ދުރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ހަމަލާ ބްރެޒިލްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބްރެޒިލުން ބައްދަލުކުރާނީ ހެއިޓީއާ އެވެ. މޮރޮކޯ ނިކުންނާނީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ.