ހުކުރު ދުވަހު ބޭއްވި ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ލީޑާޝިފްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާ އެކު ބާއްވާ ބައްދަލުވުން އޮންނާނީ ހެނދުނު 10:30 ގަ އެވެ. އަދި މިއަދު މެންދުރު ފަހު ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމްއާ ވެސް ނަަޝީދު ބައްދަލު ކުރައްވަން ހަމަޖެހިފައިވެ އެވެ. އެއީ މެންދުރު 1:00 އެވެ. މީކާއީލަކީ ޗެއާޕާސަން އިންތިހާބުގައި ނަޝީދާ ވާދަކުރެއްވި ކެންޑިޑޭޓެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާ ވެސް ނަޝީދު މިއަދުގެ ވަގުތެއްގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ނަޝީދު އިއްޔެ އެމްޑީޕީ ސެކްރެޓޭރިއެޓްގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.
އެ މަނިކުފާނު އަލުން އެމްޑީޕީފެ ޗެއާޕާސްންގެ މަގާމަށް ވަޑައިގެންނެވި އިރު، މީގެ ކުރިން ވެސް އެ މަގާމާއި އެމްޑީޕީފެ ރައީސްކަން ވެސް ކުރެއްވި އެވެ.