އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާ ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅިގެން އާންމު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ އަމިއްލަ އަށް އެދިގެން ލޭ ހަދިޔާކުރާ މީހުން އިންސާނިއްޔަތަށްޓަކައި އެ ކޮށްދޭ ހިދުމަތް ފާހަގަ ވެސް ކުރަން ޖެހޭ ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވި އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަން ޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭ އަޅަން ޖެހޭ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ލެޔަކީ ޓެކްނޮލޮޖީ އާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކު ވެސް އޭގެ އިތުރު ގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށެވެ. އެހެންވެ އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމަށް އެހީތެރިވާކަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެތުރިފައި އޮންނަ ގައުމަކަށް، ލޭ ހޯދުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންވެ މި ސަރުކާރުން ދެމި އޮންނާނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަން ހޭލުންތެރިކޮށްދިނުމާއި، އެ ސަގާފަތް ކުރިއެރުވުމުގެ އިތުރުން އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެން ވެސް ހިއްސާކުރެވޭ ޒިންމާއެއްކަން ގަބޫލުކުރާ ސަގާފަތް ވަރުގަދަކުރުން މަތީ ކަމަށް ރައީސް ވިދާޅުވި އެވެ.