އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު 'ކޮކްޓެއިލް 2' އަކީ ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަ ފިލްމެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓިފކޭޝަން ސީބީއެފްސީ) އިން އެ ފިލްމު ފާސްކުރީ އޭ ނުވަތަ އެޑަލްޓް ސެޓްފިކެޓާ އެކީގަ އެވެ. އެހެންވެ 'ކޮކްޓެއިލް 2' އަކީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެކެވެ.
މި ފިލްމަކީ މީގެ ކާސްޓްގައި ހިމެނޭ ދެ ބަތަލާއިންގެ ތެރެއިން ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކްރިތީ ސެނަންގެ ފުރަތަމަ 'އޭ' ރޭޓެޑް ފިލްމެވެ. އަދި މިއީ ބަތަލާ ރަޝްމިޔާ މަންދަނާގެ މިފަދަ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ 'އޭ' ރޭޓެޑް ފިލްމަކީ ރަންބީރް ކަޕޫރާ އެކު ކުޅުނު 2023 ގެ 'އެނިމަލް' އެވެ.
'ކޮކްޓެއިލް 2' އަކީ މީގެ ލީޑް އެކްޓަރު ޝާހިދު ކަޕޫރްގެ އޭ ރޭޓެޑް ފަސް ވަނަ ފިލްމެވެ. އޭނަގެ ފިލްމުތަކުގެ ތެރެއިން ކުރިން 'އޭ' ސެޓްފިކެޓް ދިން ފިލްމުތަކަކީ މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި، 'އޯ، ރޯމިއޯ' އާއި 2019 ގެ 'ކަބީރު ސިންގް' އާއި 2016 ގެ އުޅުތާ ޕަންޖާބްގެ އިތުރުން 2009 ގެ 'ކަމީނޭ' އެވެ.
ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ކޮކްޓެއިލް 2' އަކީ ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މިއީ އޭނަ 2012 ގައި ގެނެސްދިން ކާމިޔާބު ފިލްމު 'ކޮކްޓެއިލް' އާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ލީޑް ތަރިންނަކީ ދީޕިކާ ޕަދްކޯނާއި ސައިފް އަލީ ޚާންގެ އިތުރުން ޑަޔާނާ ޕެންޓީ އެވެ.