އެމެރިކގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ރާއްޖޭގެ ފުލުހުންނަށް ހާއްސަކޮށްގެން ކޭނައިން ނުވަތަ ކުއްތާ ބޭނުން ކުރާނެ ގޮތުގެ ޓްރެއިނިންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މިދިޔަ މަހުގެ 22 އިން މި މަހުގެ 4 އަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިން ސެޝަންތަކަކީ ކޭނައިން އޮޕަރޭޝަންސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.
މި ޓްރެއިނިން ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާ އެކު ތަމްރީނުދީފައިވެ އެވެ. އަދި ފާރަ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު ޔޫއެސްގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން، ވެހިކަލް ބަލައިފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.