Last Updated: June 17, 06:02
Wednesday, June 17, 2026
ޚަބަރު

އޯޝަން ޑޭ ފާހަގަ ކުރަން ފެސްޓިވަލެއް ބާއްވަނީ

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ހުޅުމާލޭގައި ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

އެގޮތުން ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް އޮންނާނީ މި މަހުގެ 20 ގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:30 އަށެވެ.

މިނިސްޓްރީން ބުނީ ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް މި އަހަރުގެ އޯޝަން ފެސްޓިވަލްވެސް ކުރިއަށް ދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާ އެކު ކަމަށެވެ އަދި އެކި އޮފީސް/ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭ ގޮތަށް ދައްކުވައިދޭ ސްޓޯލްތައް ވެސް ބެހެއްޓިފައި ހުންނާނެ އެވެ.

މި އަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވެ އެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެން ދާނެ ވަރަށް ފަހި ފުރުސަތެކެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ މިހާރު އޮތީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ވަނީ އޯޝަން ފެސްޓިވަލް ކުރިއަށްދާ ވަގުތު އެ ސަރަޙައްދުން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.