ކެނެޑާގައި ވެސް 16 އަހަރުން ދަށުގެ ކުދިިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިހާރު މިކަމާ ގުޅޭ ބިލެއް ވެސް ގާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ބިލް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބިލު ފާސްކޮށް، ބޮޑުވަޒީރު ތަސްދީގު ކުރައްވާ ހިސާބުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާވާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ކެނެޑާގެ އައިޑެންޓިޑީ އެންޑް ކަލްޗާ މިނިސްޓަރު މާކް މިލާ ވިދާޅުވީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމަކީ ކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށެވެ. އޭނަ ވިދާޅުވީ މީގެ ސަބަބުން ކުދިންނަށް ސިއްހީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެތައް ގެއްލުންތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންވެ ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ޓެކްނޮލޮޖީ ބާރަށް ކުރިއަރަމުން އަންނަ އިރު، މީގެ ތެރެއިން ކުރިމަތިވާ ކަންކަމުން ދަރިން ސަލާމަތް ކުރުމަށްޓަކައި މައިންބަފައިންނާ ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ވެސް އެބަޖެހޭ ކުދިންގެ ރައްކާތެރި ކަމަށްޓަކައި ފޯރުކޮށް ދޭން،" މިލާ ވިދާޅުވި އެވެ. ބެލެނިވެރިން އެކަނި ކުރާ ކަމަކުން މިކަމަށް ހައްލެއް ވެސް ނުގެނެވޭނެ. އެހެންވެ ގާނޫނީ ގޮތުން މިކަމަށް ފަރުވާއެއް ބޭނުންވޭ. އެ މަސައްކަތް އަހަރެމެން މި ފެށީ."
ކެނެޑާ ސަރުކާރުން ބުނި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ސޭފް ސޯޝަލް މީޑިއާ އެކްޓް ބިލްގެ ސަބަބުން ޓެކްނޮލޮޖީގެ ތެރެއިން ދިމާވާ ވަރަށް ގިނަ މައްސަލަތަކަކަށް އެކަށީގެންވާ ހައްލުތަކެއް ގެނެވޭނެ އެވެ.
ކެނެޑާ އިން 16 އަހަރުން ދަށަށް ސޯޝަލް މިޑިއާ މަނާކުރަން މަސައްކަތް ކުރަމުން އަންނަ އިރު، އެންމެ ފަހުން މިކަން ތަންފީޒު ކުރަން ފެށި ގައުމަކީ މެލޭޝިއާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިކަން އެންމެ ފުރަތަމަ ތަންފީޒު ކުރަން ފެށި ގައުމަކީ އޮސްޓްރޭލިއާ އެވެ.
އެ ގައުމު ނަމޫނާއަކަށް ބަލައިގެން ޔޫރަޕާއި އޭޝިއާގެ ވަރަށް ގިނަ ގައުމުތަކުން ވެސް މިހާރު އަންނަނީ މިފަދަ ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުންނެވެ.
ދާދި ފަހުން ރާއްޖޭގައި ވެސް ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް 16 އަހަރުން މަނާކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.