ފިލްމުމް ކުޅުން ހުއްޓާލުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދެމިހުންނާނީ މަސައްކަތުގައި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ބުނެފި އެވެ.
މި މަހުގެ 26 ގައި ގެނެސްދޭ އޭނަގެ އާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި އިވެންޓްގައި ރިޓަޔަމަންޓާ ބެހޭ ގޮތުން ރިޕޯޓަރަކު ސުވާލު ކުރުމުން 56 އަހަރު އެކްޓަރު ސަމާސާއަކަށް ހަދާފައި ބުނީ އޭނަ ކޮންމެ ރެއަކު ނިދަނީ މާދަމާ ރިޓަޔަ ކުރަން ނިންމައިގެން ކަމަށެވެ.
"އެކަމަކު ހެނދުނު ހޭލާ އިރަށް ހަނދާނަށް އެބައާދޭ އަހަރެން ސެޓަކަށް އެބަ ދާން ޖެހޭކަން. އަހަރެންގެ އިންތިޒާރުގައި އެތައް ބަޔަކު މަޑުކޮށްގެން އެބަތިބޭކަން،" ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުންޏެވެ. "މިކަން މި ގޮތަށް ތަކުރާރުވާތާ މިހާރު ތިރީސް ހަ އަހަރުވެއްޖެ."
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުނީ އޭނަ އަކީ މަސައްކަތް ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އެހެންވެ ފުރާނަ ހުރިހާ ހިނދަކު ފިލްމު ކުޅުން ހުއްޓައި ނުލާނެ ކަމަށެވެ. އަކްޝޭ ބުނި ގޮތުގައި އެ މަސައްކަތް ހުއްޓާލާފައި ދެން އޭނަ ކުރާނެ ވަކި ހާއްސަ ކަމެއް ނޯންނާނެ އެވެ.
އެހެންވެ މި ކުރާ މަސައްކަތުގައި ދެމިހުރުމަށް ވުރެ މޮޅު ގޮތެއް ނޯންނާނެ. ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާ ކައިވެނިކޮށް ދެ ދަރިން ތިބި އެކްޓަރު ބުންޏެވެ.
އަކްޝޭ އަބަދު ވެސް ފާހަގަކޮށްލެވެނީ އެއް ފަހަރާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރާ އެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އެވްރެޖްކޮށް އަހަރަކު އޭނަގެ 4-5 ފިލްމު ރިލީޒްވެ އެވެ. މިކަމާ ގުޅިގެން އޭނަ އަށް ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ. އެއީ ކޮލިޓީ އަށް ވުރެ ބޮޑަށް ޖީބަށް ވަންނަ އަދަދަށް އިސްކަންދޭ ކަމަށް ބުނެ އެވެ.
އަހުމަދު ޚާން ޑައިރެކްޓްކޮށްފައިވާ "ވެލްކަމް ޓު ދަ ޖަންގަލް" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ދެވަނަ ފިލްމެވެ. މި އަހަރު އޭނަގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި ގެނެސްދިން "ބޫތު ބަނގްލާ" އެވެ. މި އަހަރު އަކްޝޭގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒްވާނެ ކަމަށް ބެލެވެ އެވެ. އެއީ ބޫތު ބަނގްލާގެ ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ "ހައިވާން" އާއި ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމެކެވެ.
މިދިޔަ އަހަރު އަކްޝޭގެ 5 ފިލްމު ސިނަމާތަކަށް އަ އެވެ.