ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމަށް އެކުލަވާލާފައިވާ އާ ގަވާއިދާ އެއްގޮތަށް ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން ގަވާއިދު އާންމުކުރީ މިދިޔަ ހަފުތާގަ އެވެ.
އެ ގަވާއިދު އާންމު ކުރުމާއެކު ގަވާއިދަށް އަމަލު ކުރަން ފެށި ނަމަވެސް އެމްއެފްޑީއޭ އިން ވަނީ ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކާބޯތަކެތި ބަންދުކުރަން ވާނީ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގަ އެވެ. އަދި ކާބޯތަކެތި އެޅުމަށް ޚާއްޞަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ހަދާފައި ހުންނަ ޕޮލިއިތެލިން ޓެރެފްތަލޭޓް ނުވަތަ ޕެޓް ފުޅިފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން ކާބޯތަކެތި އިމްޕޯޓް/އެކްސްކުރާ ފަރާތްތަކާއި ކާބޯތަކެތި ބަންދުކޮށް ލޭބަލް ކުރާ ފަރާތެއްގެ އިހުމާލުން އާންމު ސިއްޙަތަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެ ފަރާތަކަށް ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަން ނުވަތަ ރަޖިސްޓްރޭޝަން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ގަވާއިދުގެ ދަށުން ލިބެ އެވެ.
އަދި އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފައްދައި ލޭބަލްކޮށް ބަންދުކުރުމަކީ ކުށެކެވެ.
އެ ކުށަށް އަރައިގަންނަ ފަރާތްތައް 10،000-750،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ މީހެއްގެ ހުއްދަ ހިފެހެއްޓޭނެ އެވެ. އެގޮތުން، ފުރަތަމަ ފަހަރަށް 10،000ރ. އިން ޖޫރިމަނާކޮށް ލައިންސަން 7 ދުވަހަށް ހިފަހައްޓާނެ އެވެ. އަދި ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން ޖޫރިމަނާކޮށް ލައިސަން 15 ދުވަހަށް އަދި ތިންވަނަ ފަހަރަށް އެފަދަ ކުށެއް ކޮށްފި ނަމަ 750،000ރ. ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން ނުވަތަ ރަޖިސްޓްރީ ބާތިލު ކުރެވޭނެ އެވެ.
މީގެ އިތުރުން އަސްލު އޮޅޭ ގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެ ނަމަ އެ އަމަލެއް ކުރި މީހަކު 1،000،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް އާ ގަވައިދުގެ ދަށުން ލިބިގެންވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް ކާބޯތަކެތި ލޭބަލްކޮށްފި ނަމަ ފުރަތަމަ ފަހަރަށް 10،000ރ. ރުފިޔާއިން ޖޫރިމަނާކުރާ އިރު ދެވަނަ ފަހަރަށް 100،000ރ. އަދި ތިން ވަނަ ފަހަރަށް 500،000ރ، ގެ އިތުތުން ހަތަރު ވަނަ ފަހަރަށް ކުށަށް އަރައިގެންފި ނަމަ 750،0000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އަދި ފަސް ވވަނަ ފަހަރަށް އެ ކުށް ތަކުރާރުކޮށްފިނަމަ 1،000،00ރ. އިން ޖޫރިމަނާކުރުމުގެ އިތުރުން ހުއްދަ ބާތިލު ކުރެވޭނެ އެވެ.