Last Updated: June 15, 22:59
Monday, June 15, 2026
ރިޕޯޓް

އައްޑޫގެ ފަތުރުވެރިކަމުގެ އާ އުންމީދު!

އައްޑު އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޒިޔާރަތްކުރި ކްރޫޒްލައިނާއަކުން އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ.

އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އައު ދިރުމެއް ލިބިގެންދާނެ ފަދަ އުފާވެރި ޚަބަރެއް ވަނީ ލިބިފަ އެވެ. ދުނިޔޭގެ މަޝްހޫރު ބައިނަލްއަޤްވާމީ ކްރޫޒް ލައިނަރެއް އޭޕްރީލް 7-9، 2027 ގައި އައްޑު އަށް ޒިޔާރަތް ކުރުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

މިއީ 2028 ވަނަ އަހަރުން ފެށިގެން ދާއިމީ ގޮތެއްގައި ކްރޫޒް ލައިނަރުތައް އައްޑު އަށް އައުމަށް މަގުފަހިވެގެން ދާނެ މުހިންމު ފެށުމެކެވެ.

މި ދަތުރާއެކު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް ދުވަހެއްގެ ތެރޭގައި 950 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ކަމަށް ބެލެވެއެވެ. މިކަމަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ތަފާތު މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީއަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ.

ބޮޑެތި ކްރޫޒް އުޅަނދުތައް އައްޑު އަށް ބަނދަރުކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ހަރަކާތެއް ނޫނެވެ. މިއީ ސަރަޙައްދީ އިޤްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ފުރުސަތެކެވެ. މިކަމަށްޓަކައި އެއާޕޯޓުގެ ވަސީލަތްތައް ތަރައްޤީކޮށް، ޚިދުމަތްތައް ހަރުދަނާކުރުމަކީ އިތުރުވަމުންދާ ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމަށާއި، އޮޕަރޭޝަނަލް ހިންގުން ހަލުވިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަމައެއާއެކު، މިއީ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށާއި، ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ހުޅުވިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ތަރައްޤީގެ މި އުފާވެރި މަރުޙަލާގައި، މުޖުތަމަޢުގެ ޒިންމާތަކާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހެއެވެ. އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ފަޚުރުވެރިކަމާއެކު މަރުޙަބާ ކިޔުމަށް އަޅުގަނޑުމެން އަބަދުވެސް ތިބެންވާނީ ތައްޔާރަށެވެ. ސާފުތާހިރު މަގުތަކާއި، ރަނގަޅަށް ބެލެހެއްޓިފައިވާ އާންމު މައިދާންތަކާއި، ހިތްގައިމު ގޮނޑުދޮށްތަކުގެ އިތުރުން، އެކުވެރި މާޙައުލަކީ ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްތަކުގައި ނުފިލާނެ އަސަރުތަކެއް ބަހައްޓާނެ ކަންކަމެވެ.

ފަތުރުވެރިކަމުގެ ކާމިޔާބީގެ އަސްލަކީ ހަމައެކަނި ބިނާކުރެވޭ ވަސީލަތްތަކެއް ނޫނެވެ. އެއީ މެހެމާނުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރާއި، އެބޭފުޅުން ކުރާ ތަޖުރިބާގެ މުއްސަނދިކަމެވެ.

އަންނަ އަހަރާ ހަމައަށް ފޭދޫގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ބެލެވޭތީ، ފަތުރުވެރިކަމުގެ އައު އުފެއްދުންތަކާއި ވަސީލަތްތަކުގެ ބޭނުން މިހާރު ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. އެގޮތުން އިތުރު ފަތުރުވެރިންގެ ގޮނޑުދޮށްތަކާއި، ރައްކާތެރި ފަތާ ސަރަޙައްދުތަކާއި، ޕާކުތަކާއި، ސަގާފީ އަދި ތާރީޚީ ތަންތަނުގެ އިތުރުން މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. މިފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ފަތުރުވެރިންނަށް އަމާޒުކުރެވޭ ކަންކަމެއް ނޫނެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މުހިންމު ވަސީލަތްތަކެކެވެ.

އައްޑު އަކީ ރާއްޖޭގެ އެހެން އެއްވެސް މަންޒިލަކާ ނުބައްދަލު، ޤުދުރަތީ އަދި ސަގާފީ ގޮތުން މުއްސަނދި ތަނެކެވެ. ގުޅިފައިވާ ރަށްތަކާއި، މުއްސަނދި ތާރީޚާއި، ތަފާތު އާދަކާދަތަކުގެ އިތުރުން، ރީތި ފަޅުތަކާއި، ކުޅި-ފާތަކާއި، ޑައިވިން ސައިޓްތަކާއި، ބައިސްކަލް ދުއްވާ މަގުތަކަކީ އައްޑު އަށް ލިބިފައިވާ ޚާއްޞަ ސިފަތަކެވެ. މިއީ އެއް ސަރަޙައްދަކުން އެތައް ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ފަތުރުވެރިންނަށް ފަހިކޮށްދޭ މުހިންމު ސިފަތަކެކެވެ.

ކުރިއަށް އޮތް ކްރޫޒްލައިނަރުގެ ޒިޔާރަތަކީ ހަމައެކަނި ބޯޓެއް ބަނދަރުކުރުމެއް ނޫނެވެ. އެއީ އައްޑޫ ސިޓީގެ މުސްތަޤުބަލުގެ ފެށުމެވެ. އަދި އެއީ ފަތުރުވެރިކަމުގެ ތެރެއިން އައު ވަޒީފާތައް އުފެދި، ކުދި ވިޔަފާރިތަކަށް އައު ދިރުމެއް ލިބި، ދެކުނުގެ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. ދުނިޔޭގެ ސަމާލުކަން މިއަދު މިދަނީ އައްޑޫއަށް ހުޅުވެމުންނެވެ.

އަޅުގަނޑުމެންގެ ކުރިމަތިގައި އޮތް ސުވާލަކީ، އަޅުގަނޑުމެންގެ ކިބައިގައި ހުރި އެންމެ ފުރިހަމަ ކަންކަން ދުނިޔެއަށް ދައްކާލުމަށް އަޅުގަނޑުމެން ފުރިހަމައަށް ތައްޔާރުތޯ އެވެ؟

ރާއްޖޭގެ އެހެން އަތޮޅުތަކަށް ނުލިބޭ ގުދުރަތީ އަގުބޮޑު ހަޒާނާތަކަކުން އައްޑޫ ވަނީ މުއްސަނދިވެފައެވެ. ހަފްތާގެ ކޮންމެ ދުވަހަކު އަދި އަހަރުގެ ކޮންމެ ދުވަހަކުވެސް މަޑި (މަންތާ) ފެންނަ، ރާއްޖޭގައި އޮންނަ ހަމައެކަނި މަންޓާ ކްލީނިންގ ސްޓޭޝަނަކީ، އައްޑޫގައިވާ ތަނެކެވެ. އެލް ނީނޯގެ ސަބަބުން ރާއްޖޭގެ އެތައް ފަރުތަކެއް ހުދުވެފައިވާ މި ދަނޑިވަޅުގައިވެސް، އައްޑޫގެ ފަރުތަކަކީ އަދިވެސް ރާއްޖޭގެ އެންމެ ދުޅަހެޔޮ ފަރުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. މީގެ އިތުރުން، މި އަތޮޅުން ތަފާތު އެތައް ވައްތަރެއްގެ މިޔަރުތައް ފެނުމުގެ ފުރުސަތު ލިބިގެންދެއެވެ.

އޭގެ ތެރޭގައި ފެނުން މަދު ޓައިގަރ ޝާކާއި ސިލްވަރ ޝާކް ވެސް ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިފަދަ ތަޖުރިބާތައް ހޯދުމަށް ދަތުރުކުރާ ފީނުންތެރިންނަށް ލިބޭނެ ވަރަށް ހާއްސަ ފުރުސަތެކެވެ. އަދި، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ޝިޕްރެކް ކަމަށްވާ ބްރިޓިޝް ލޯޔަލްޓީ، އޮންނަނީވެސް އައްޑޫގައެވެ.

އައްޑޫ ސިޓީ ކައުންސިލާއ، ވިޔަފާރިވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެއްޖެ ނަމަ، އައްޑޫ ސިޓީ އަކީ ރާއްޖޭގެ އެންމެ ތަފާތު އަދި އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ހެދިދާނެ އެވެ. ފުރުޞަތު މި އޮތީ އަޅުގަނޑުމެންގެ ކުރިމަތީގަ އެވެ. މިހާރު މިއީ މަސައްކަތް ފަށައި، އިންވެސްޓްކޮށް، ދުނިޔެ އަށް މަރުޙަބާ ކިޔަންވީ ވަގުތެވެ.