ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތެލެސީމިއާ އެންޑް އަދަ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފި އެވެ.
ހުޅުމާލޭ އޮރެންޖު ހިޔާގައި ހިންގަމުންދާ މި ސެންޓަރަށް ކުރެއްވި ޒިޔާރާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމާއި، އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް، ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ.
ތެލެސީމިއާ ބަލި ތަހައްމަލް ކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާނޭ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރައްވަ އެވެ.