Last Updated: June 17, 06:02
Wednesday, June 17, 2026
ޚަބަރު

ފިނޭގެ އާ ޕޮލިސް ސްޓޭޝަން ހުޅުވައިފި

ހދ. ފިނޭގައި އަލަށް ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި އެވެ.

މިކަމަށްޓަކައި މިއަދު ފިނޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 2.20 މިލިޔަން ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. ފިނޭ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ވަނީ ފުރިހަމަކޮށްފަ އެވެ.

އޭގެ ތެރޭގައި ކޮންކްރީޓް މަސައްކަތާއި، ފުރާޅު ހަރުކުރުމާއި، ސީލިންގ އަދި ކަރަންޓު ވަޔަރިންގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ދަވާދު ލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ވަށާ ފާރު ރޭނުމާއި ފިލާ އަދި ދަގަނޑުގެ މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.