Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން ރައީސް މީދު އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދ. މީދޫއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގެންނެވީ، މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

މީދޫއަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. އިއްޔެ ބޭއްވި ބައި އިލެކްޝަން ސުހާ ކާމިޔާބު ކުރެއްވީ 529 ވޯޓުންނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ.

މި ގޮނޑިއާއެކު ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް މިހާރު ވަނީ ލިބިފަ އެވެ. މިއީ ގިނަ ދުވަސްތަކެއްވަންދެން، އެމްޑީއޭއިން ކޮންޓްރޯލްކުރި ރަށެކެވެ.