ޖަވާބުގެ ޚުލާޞާ:
ރިޒްގު އިތުރު ކުރުމަށް އެދި ދެންނެވުމަށް ޚާއްޞަ ނަމާދެއް ސައްޙަ ސުންނަތުން އެނގޭކަށް ނެތެވެ. އެހެންކަމުން ސުވާލުގައި ބަޔާންކޮށްފައިވާ ނަމާދަކީ ބިދުޢަވެރި ނަމާދެކެވެ. އެއީ މާތްﷲ ހުއްދަ ކުރައްވައިފައިނުވާކަމެއް ދީނުގެ ތެރެއަށް ވެއްދުމެވެ. އަދި އެއީ ނަހީކުރެވިގެންވާ އައު ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ.
ޝަރުޢީ ގޮތުން ރިޒުޤު އިތުރުވާ ސަބަބުތަކުގެ ތެރޭގައި އިސްތިޣްފާރު ކުރުން، ރަޙިމުގެ ގުޅުން ދެމެހެއްޓުން، ދުޢާކުރުން، ތަޤުވާވެރިވުން، ގިނައިން ޞަދަޤާތް ދިނުން، އަދި ޙައްޖާއި ޢުމްރާ ތަކުރާރުކޮށް ކުރުން ހިމެނެއެވެ.
الحافظ ابن كثير رحمه الله ވިދާޅުވެފައިވެއެވެ. "ޞަޙާބީންގެ ކިބައިން ސާބިތުނުވާ ކޮންމެ ޢަމަލަކާއި ބަހަކާ މެދު އަހުލުއްސުންނާ ވަލްޖަމާޢަތުގެ ބޭފުޅުން ވިދާޅުވަނީ އެއީ ބިދުޢައެކެވެ. ސަބަބަކީ އޭގައި އެއްވެސް ހެޔޮކަމެއް އެކުލެވިގެންވާނަމަ، އަހަރެމެންނަށްވުރެ ކުރިން އެބޭކަލުން އެކަމަށް އިސްނެންގެވީހެވެ. އެބޭކަލުން ހެޔޮކަމުގެ އެއްވެސް ކަމެއް ދޫކޮށްނުލައްވައި އެކަމަށް އަވަސްވެގަތެވެ." (تفسير ابن كثبر، (7/278-279)
شيخ صالح الفوزان ވިދާޅުވެފައިވެއެވެ. "މިޒަމާނުގައި އަޅުކަމުގެ ތެރެއަށް އަލަށް ތަޢާރަފުކޮށްފައިވާ ބިދުޢަތައް ވަރަށް ގިނައެވެ. އަޅުކަންތަކުގެ އަޞްލަކީ ތައުޤީފީ (ދަލީލެއްގެ މައްޗަށް ބިނާވެގެންވާ) ކަންކަމެވެ. އެހެންކަމުން ދަލީލަކުން ސާބިތުވެގެން މެނުވީ އެއިން އެއްވެސް ކަމެއް ޝަރުޢުވެގެން ނުވެއެވެ. ދަލީލެއް ނެތް ކޮންމެ ކަމަކީ ބިދުޢައެކެވެ. އެއީ ރަސޫލާ صلى الله عليه وسلم ގެ މި ޙަދީޘް ބަސްފުޅާ ގުޅިގެންނެވެ. "މިއަހަރެމެންގެ ދީނުގެ ކަންކަމުގެ ތެރެއިން ނުވާ ކަމެއް އަލަށް އުފައްދައިފި މީހާގެ އެ ޢަމަލެއް ރައްދުކުރެވޭނެއެވެ." (متفق عليه) މިހާރު މީހުން ކުރަމުންދާ ދަލީލެއް ނެތް އަޅުކަންތައް ވަރަށްވެސް ގިނައެވެ…" (كتاب التوحيد، ص 160)
ރަސޫލާ صلى الله عليه وسلم މެދުވެރިކޮށް ތަވައްޞުލުގެ ޙުކުމް
މި ބިދުޢަވެރި ނަމާދަށްފަހު ދުޢާކުރާ މީހާ "އޭ މުޙައްމަދުގެފާނެވެ! އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން ކަލޭގެފާނު މެދުވެރިކޮށް ތިމަންއަޅާ ﷲ އަށް ކުރިމަތިލަމެވެ.." މިފަދައިން ބުނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިއީ މަނާކުރެވިގެންވާ ބިދުޢަވެރި ތަވައްޞުލުތަކުގެ ތެރެއިންވާ ކަމެކެވެ. ޝަރުޢީ ތަވައްޞުލާއި ބިދުޢަވެރި ތަވައްޞުލު ވަކިކޮށް ދެނެގަތުމަކީ މުހިންމުކަމެކެވެ.
ގެއްލުމެއް ދުރުކުރުމަށް ނުވަތަ މަންފާއެއް ހޯދުމަށް، ރަސޫލާ صلى الله عليه وسلم މެދުވެރިކޮށް ތަވައްޞުލުގެ ޙުކުމް
ރަސޫލާ صلى الله عليه وسلم މިދުނިޔެދޫކުރެއްވުމަށްފަހު އެކަލޭގެފާނަށް ނުވަތަ މަރުވެފައިވާ އެހެންވެސް މީހަކަށް ދުޢާކޮށް ގޮވައިފި މީހާ، ބޮޑުޝިރުކުން ޝިރުކުކޮށް ދީނުން ބޭރުވެއްޖެއެވެ. އެފަދަ މީހަކު މާތްﷲ ގެ ޙަޟްރަތަށް ތައުބާވާންޖެހޭނެއެވެ.
ރިޒުޤު އިތުރުވުމުގެ ޝަރުޢީ ސަބަބުތައް:
ޝަރުޢީ ސަބަބުތަކުގައި ހިފެހެއްޓުމަށާއި ދީނުގެ ތެރެއަށް ބިދުޢަވެރިވުމުން ސަލާމަތްވުމަށްޓަކައި، ރިޒުޤު އިތުރުވާ ޝަރުޢީ ސަބަބުތަކަށް އިޝާރާތްކޮށް ހަނދާންކޮށްދިނުން ރަނގަޅެވެ.
އެކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
އިސްތިޣްފާރު ކުރުން: މާތް ﷲ ވަޙީކައްވައިފައިވެއެވެ. (فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا * يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا * وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا) (سورة نوح: 10-12) މާނައީ: " ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮ ތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."
ރަޙިމުގެ ގުޅުން ދެމެހެއްޓުން: أنس بن مالك رضى الله عنه ރިވާއުކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (مَن سَرَّهُ أنْ يُبْسَطَ عليه رِزْقُهُ، أوْ يُنْسَأَ في أثَرِهِ فَلْيَصِلْ رَحِمَهُ) މާނައީ: "މިހާގެ ރިޒުޤު ތަނަވަސްވުމަށާއި، އޭނާގެ ޢުމުރު ދިގުވުމަށް އެދޭމީހާ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެކެވެ." (أخرجه البخاري (٢٠٦٧)، ومسلم (٢٥٥٧)) އިމާމް ނަވަވީ (ރަޙިމަހުﷲ) ވިދާޅުވިއެވެ. (ރިޒުޤު ތަނަވަސްވުމުގެ މާނައަކީ ރިޒުޤު އިތުރުވުމާއި ގިނަވުމެވެ. އަދި ބުނެވުނެވެ އޭގެ މާނައަކީ އޭގައި ބަރަކާތް ލެއްވުމެވެ."
ގިނައިން ޞަދަޤާތް ކުރުން: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ﴾ (سورة سبأ: 39) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." أبو هريرة رضى الله عنه ރިވާއުކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.) مَا نَقَصَ مَالٌ مِنْ صَدَقَةٍ( (أخرجه مسلم (٢٥٨٨) މާނައީ: "ޞަދަޤާތް ދިނުމަކުން މުދަލުން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ." އިމާމް ނަވަވީ (ރަޙިމަހުﷲ) ވިދާޅުވިއެވެ. "މީގެ މާނައިގައި ދެގޮތެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ފުރަތަމަ ގޮތަކީ، އެ މުދަލުގައި ބަރަކާތް ލެއްވުމާއި ގެއްލުންތަކުން ސަލާމަތް ކުރެއްވުމެވެ. އޭރުން ފެންނަ ފެނުމަށް އުނިވި ބައި، ފޮރުވިފައިވާ ބަރަކާތުން ފުރިހަމަވެގެންދެއެވެ. މިއީ ތަޖުރިބާއިން އެނގޭ ކަމެކެވެ. ދެވަނަ ގޮތަކީ، މުދަލުން އުނިވިޔަސް އޭގެ ސަބަބުން ލިބޭ ސަވާބުން އެ އުނިކަން ފޫބެދި، އެތައް ގުނައަކަށް އިތުރުވެގެންދިއުމެވެ."
މާތް ﷲ އަށް ތަޤުވާވެރިވުން: މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ﴾ (سورة الطلاق: 2 ،3) މާނައީ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ."
ޙައްޖާއި ޢުމްރާ ތަކުރާރުކޮށް ކުރުން: عبد الله بن مسعود رضى الله عنه ރިވާއުކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (تابِعوا بين الحجِّ والعمرةِ فإنَّهما ينفيان الفقرَ ويزيدان في العمرِ والرِّزقِ كما ينفي كيرُ الحدّادِ خبثَ الحديدِ) (أخرجه ابن ماجه (٢٨٨٧)، وأحمد (١٦٧) مختصراً، وابن عساكر في ((تاريخ دمشق)) (٢٥/٢٥٩) واللفظ له) މާނައީ: "ތިޔަބައިމީހުން ޙައްޖާއި ޢުމްރާ ވިދިވިދިގެން (ގާތްގާތުގައި) އަދާކުރާށެވެ. އެހެނީ، ގިރުނބާއިން، ދަގަނޑުގައި ހުންނަ ދަމިލަޔާއި ދަގުއި ފިލުވައި ސާފުކޮށްދޭ ފަދައިން، ޙައްޖާއި ޢުމްރާގެ ސަބަބުން ފަގީރުކަން ފިލައިދެއެވެ. އަދި އެކަމުގެ ސަބަބުން ޢުމުރު ދިގުވެ، ރިޒުޤުގައި ބަރަކާތްލައްވައި އިތުރުކޮށްދެއެވެ."
ދުޢާކުރުން: أم سلمة رضى الله عنها ރިވާއުކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ފަތިސްނަމާދުން ސަލާމްދެއްވުމަށްފަހު މިފަދައިން ވިދާޅުވެއެވެ. (اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلًا مُتَقَبَّلًا)
މާނައީ: "ހައްދަވައިބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ފައިދާހުރި ޢިލްމަކަށާއި، ޠާހިރުވެގެންވާ ރިޒުޤަކަށާއި، ޤަބޫލުކުރެވިގެންވާ ޢަމަލަކަށް އެދެމެވެ. (ابن ماجه (٩٢٥)، وأحمد (٢٦٦٠٢) باختلاف يسير) والله أعلم
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.